އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ބައެއް ކުޅުންތެރިން ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ އެންތޮނީ މާޝިއަލް އާއި އާސެނަލްގެ އެލެކްސަންޑަ ލަކަޒޭޓް ނުހިމަނާ، ފްރާންސުން ވޯލްޑް ކަޕަށް ނެގި 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާނު ކޮށްފިއެވެ.
ފްރާންސުން ވަނީ ފައިނަލް ސްކޮޑާއެކު ރިޒާވް ކުޅުންތެރިންގެ ލިސްޓެއް (ޕްރޮވިޝަނަލް ސްކޮޑްގައި ހިމެނޭ) ވެސް އާންމު ކޮށްފައެވެ. އެހެންކަމުން ފީފާއިން 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާނު ކުރަން ދީފައިވާ މުއްދަތަކީ 4 ޖޫންގެ ނިޔަލަށް ކަމަށްވެފައި، ފްރާންސްގެ ފައިނަލް ސްކޮޑަށް ކުޑަ ބަދަލެއް އައުމުގެ ފުރުސަތު އެބައޮތެވެ.
މާޝިއަލް އާއި ލަކަޒޭޓްގެ އިތުރުން ބަޔާން މިޔުނިކްގެ ވިންގާ ކިންގްލޭ ކޯމަން އާއި ޕީއެސްޖީގެ އެޑްރިއަން ރެބިއޮޓް ވެސް ފައިނަލް ސްކޮޑްގައި ހިމަނާފައެއް ނުވެއެވެ. މި ކުޅުންތެރިންގެ ނަންތައް ރިވާޒް ލިސްޓްގައި ޖަހާފައިވާއިރު، ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި އަނިޔާވި ޑިމިޓްރީ ޕަޔޮޓް އަނިޔާއިން ސަލާމަތް ވާނެކަމަށް ނުބެލެވޭތީ ރިޒާވް ލިސްޓްގައި ވެސް ހިމަނާފައެއް ނުވެއެވެ.
އާސެނަލްގެ ސެންޓަރ ބެކް ލޮއެރެން ކޮސިއެލްނީ އަށް ވެސް އަނިޔާގެ ސަބަބުން ސްކޮޑުން ޖާގަ ދީފައި ނުވާއިރު، ކުރިން ލަފާކޮށްލެވިފައި ނުވާ ބައެއް ކުޅުންތެރިން ސްކޮޑްގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ސްޓީވަން އެންޒޮންޒީ، ބެންޖަމިން ޕާވާޑް އަދި ލޫކަސް ހެނާންޑޭޒް ފަދަ ކުޅުންތެރިން ހިމެނެއެވެ.
މާޝިއަލް އާއި ލަކެޒޭޓްއަށް ފުރުސަތު ނުދިންއިރު، އޭގެ ބަދަލުގައި އެޓޭކަރުންގެ ގޮތުގައި ފްލޮރިއަން ތޯވާން އާއި ނަބީލް ފެކީރް އަށް ވަނީ ފުރުސަތު ދީފައެވެ.
މި ފަހަރު ފްރާންސްގެ ފައިނަލް ސްކޮޑުން ޖާގަ ނުލިބުނު މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި މޯސާ ސިސޯކޯ، ކާޓް ޒޫމާ އަދި މަމަދޫ ސާކޯ ހިމެނެއެވެ. މީގެ އިތުރުން އަޚްލާޤީ މައްސަލައެއްގެ ސަބަބުން އަހަރުތަކެއް ކުރިއްސުރެ ޓީމުން ޖާގަ ދިނުން ހުއްޓާލާފައިވާ ރެއާލް މެޑްރިޑްގެ ފޯވާޑް ބެންޒެމާ މިފަހަރު ވެސް ސްކޮޑަށް ނަގާފައެއް ނުވެއެވެ.
ފްރާންސުން ފީފާ ވޯލްޑް ކަޕް 2018 އަށް ނެގި ފައިނަލް ސްކޮޑް:
ގޯލްކީޕަރުން:- ހޫގޯ ލޮރިސް، އަލްފޮންސޭ އަރެއޯލާ، ސްޓީވް މަންޑަންޑާ
ޑިފެންޑަރުން:- ލޫކަސް ހެނާންޑޭޒް، ޕްރެސްނެލް ކިމްޕެމްބޭ، ބެންޖަމިން މެންޑީ، ބެންޖަމިން ޕަވާޑް، އާދިލް ރާމީ، ޖިބްރީލް ސިޑީބޭ، ސެމެއުލް އުމްޓިޓީ، ރަފައެލް ވަރާން
މިޑްފީލްޑަރުން:- އެންގޯލޯ ކާންޓޭ، ބްލައިސް މަޓުއީޑީ، ސްޓީވަން އެންޒޮންޒީ، ޕައުލް ޕޮގްބާ ކޮރެންޓިން ޓޮލީސޯ
ފޯވާޑުން:- އޮސްމާން ޑެމްބެލޭ، ނަބީލް ފެކީރް، އޮލިވިއޭ ޖިރޫ، އެންޓޮއިން ގްރީޒްމަން، ތޯމަސް ލޭމާ، ކިލިއަން އެމްބާޕޭ، ފްލޯރިއަން ތޯވާން
ރިޒާވްސް:- ވިސާމް ބެން ޔާޑާ، ކިންގްލޭ ކޯމަން، ބެނޮއިޓް ކޮސްޓިލް، މެތިއު ޑިބޫޗީ، ލޫކަސް ޑީނޭ، އެލެކްސަންޑަ ލަކަޒޭޓް، އެންތޮނީ މާޝިއަލް، އެޑްރިއަލް ރެބިއޮޓް، މަމަދޫ ސަކޯ، މޯސާ ސިސޯކޯ، ކާޓް ޒޫމާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް