ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނަޝީދު ފޯމު ހުށަހަޅުއްވައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވައިފި އެވެ. އެމްޑީޕީ އޮފީހުގައި މި...

19 May 2018 | 07:36

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމަނިކުފާނުގެ ފަރާތްޕުޅުން ފޯމު ހުށަހެޅުއްވީ ކެމްޕެއިން މެނޭޖަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު ފޯމް ފުރުމާއި ކަންކަން ކުރައްވާފައިވަނީ އަވައްޓެރި ސްރީލަންކާގައި ހުންނަވައިގެންނެވެ.

ޕާޓީގެ ފަރާތުން ފޯމާ ހަވާލުވެ ވަޑައިގަތީ ޗެއާ ޕާސަން ހަސަން ލަތީފެވެ.

އެމްޑީޕީގެ ގަވައިދު ބުނާގޮތުން ޕްރައިމަރީގައި ވާދަ ކުރުމަށް ހުށަހަޅާ ފޯމާއި އެކު 500 މީހުން ސޮއި ހުށަހަޅަންޖެހެ އެވެ. ރައީސް ނަޝީދު ވަނީ މިއަދު ފޯމާއި އެކު 7،739 މީހުންގެ ސޮއި ހުށަހަޅާފައި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިއަދު އެވެ. މިހާތަނަށް ރައީސް ނަޝީދު ފިޔަފާ ޕްރައިމަރީއަށް ކުރިމަތިލައްވާނެކަން އެއްވެސް މީހަކު ހާމަކޮށްފައެއް ނުވެ އެވެ. މިދިޔަ 2013 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ކުރިމަތިލެއްވީ ނަޝިދު އެކަންޏެވެ. އެހެންވެ ވޯޓަކައި ނުލާ އެމަނިކުފާނަށް ވަނީ ޕާޓީގެ ޓިކެޓު ދީފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަ ކުރައްވާއިރު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ސަރުކާރުން ބުނަމުން ދަނީ ނަޝީދަށް އިންތިހާބުގައި ވާދަކުރުމަށް ރާއްޖޭގެ ގާނޫނުތައް ތަން ނުދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް