ހުން ޖެހޭ މީހުން އިތުރުވާތީ އޭޑިކޭގައި ހުން ކްލިނިކެއް ހުޅުވައިފި

މިދުވަސްވަރު ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުވަމުން ދާތީ އޭޑިކޭ ހޮސްޕިޓަލުގައި ހުމަށް ހާއްސަ ކްލިނިކެއް " ހުން ކްލިނިކް" ގެ ނަމުގައި ހުޅުވައިފި އެވެ. އެ ހޮސްޕިޓަލުން ބުނީ މި ކްލިނިކް ހު...

19 May 2018 | 02:30

މިދުވަސްވަރު ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުވަމުން ދާތީ އޭޑިކޭ ހޮސްޕިޓަލުގައި ހުމަށް ހާއްސަ ކްލިނިކެއް " ހުން ކްލިނިކް" ގެ ނަމުގައި ހުޅުވައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މި ކްލިނިކް ހުޅުވީ ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުވެފައިވާތީ ފަސޭހައިން އަވަހަށް ބަލި މީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަށް ކަމަށެވެ. މި ކްލިނިކް ހުންނާނީ ހޮސްޕިޓަލުގެ ތިރީ ލޮބީ އޭރިއާގައި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ހުން އައިސްގެން ޑޮކްޓަރަށް ދައްކަންދާ މީހުން ސީދާ އެކަމަށް ކަނޑައެޅިފައިވާ މޭޒު ކައިރިއަށް ދިއުމަށް ފަރުވާގެ ކަންކަމާއި ޑޮކްޓަރަށް ދެއްކުން ހަމަޖެހިގެންދާނެ ކަމަށެވެ.

މި ކްލިނިކް ހުޅުވިފައި ހުންނާނީ މެންދުރު ފަހު 2:00 ން ދަންވަރު 12:00 އަށެވެ.

އޭޑީކޭ ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ މިހާތަނަށް އެ ހޮސްޕިޓަލަށް ހުން އައިސްގެން 1،114 މީހުން ޑޮކްޓަރަށް ދައްކައިފި އެވެ. އެންމެ ގިނަ މީހުން ދައްކާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު 115 މީހުން ހުން އައިސްގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެ އެވެ.

އޭޑިކޭ ހޮސްޕިޓަލުގައި ހުން ކްލިނިކް ހުޅުވާފައިވާއިރު  މި ދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާ ދިމާކޮށް ވައިރަލް ހުމާއި، ޑެންގީ ހުން ފެތުރޭ ދުވަސް ވަރެކެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން ދަނީ އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް