އިސްރާއީލުގެ އަމަލުތައް މިނިވަން ކޮމިޝަނަކުން ބަލަން ރާއްޖެއިން ތާއީދު ކޮށްފި

ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތައް ބަލައި ތަހުގީގު ކުރުމަށް މިނިވަން ކޮމިޝަނެއް އުފައްދަން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ނިންމި ނިންމުމަށް ރާއްޖެ އިން ތ...

19 May 2018 | 02:20

ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތައް ބަލައި ތަހުގީގު ކުރުމަށް މިނިވަން ކޮމިޝަނެއް އުފައްދަން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ނިންމި ނިންމުމަށް ރާއްޖެ އިން ތާއީދު ކޮށްފި އެވެ.

މިގޮތަށް ރާއްޖެއިން ތާއީދު ކުރީ ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފަށް ފަލަސްތީނުގެ ސަރަހައްދު ތަކުގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލާގައި ބޭއްވި ހާއްސަ ސެޝަންގައި އެވެ. އެ ސެޝަންގައި ޖެނީވާގައި ހުންނަ އދ. އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ހާލާ ހަމީދު ވިދާޅުވީ، އެއްވެސް ހަތިޔާރެއް ނެތް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދޭ ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ހާލާ ވިދާޅުވީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން މިދިޔަ ހޯމަ ދުވަހު ގާޒާ ބޯޑަރު ކައިރީގައި އިޒްރޭލުން ހިންގި ގަތުލުއާންމު މުޅި ދުނިޔެ ހެކިވާ ކަމަށެވެ. އަދި އިޒްރޭލުން ހިންގި އިންސާނިއްޔަތުކަމެއް ނެތް އަނިޔާވެރި އަމަލުތަކުގެ ސަބަބުން މަރުވެގެންދިޔަ ފަލަސްތީން ރައްޔިތުންގެ އާއިލާތަކަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ހާލާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ގައުމުތަކުން މި މައްސަލައިގަ ވާހަކަ ދެއްކުމަށް ފަހު އެ ކައުންސިލުން ވަނީ މިނިވަން ކޮމިޝަނެއް އެކުލަވާލުމަށް ފާސްކޮށްފައި އެވެ. އެ ނިންމުން ރާއްޖެއިން ވަނީ ކޯ ސްޕޮންސާ ކޮށްފައި އެވެ.

އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވުމާއި ގުޅިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި އިޒްރާއީލް ސިފައިން ވަނީ ފަލަސްތީނުގެ ކުށެއް ނެތް އެތަން އާންމުންނެއް ޝަހީދުކޮށްލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް