ލ. މާބައިދޫ ފެނަކަ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގަ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގަ މިހާތަނަށް ހަ މީހަކު ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކު ހައްޔަރު ކުރީ މާބައިދޫން ކަމަށާއި އަނެއް މީހާ ހައްޔަރު ކުރީ އެ އަތޮޅު މުންޑޫއިން ކަމަށް ވިދާޅުވި އެވެ.
މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 24 އަހަރު، 25 އަހަރު، 31 އަހަރު، 32 އަހަރުގެ އިތުރުން 35 އަހަރާއި 43 އަހަރުގެ މީހެކެވެ. މީގެ ތެރެއިން 25 އަހަރާއި 32 އަހަރާއި 43 އަހަރުގެ މީހާގެ ބަންދަށް ވަނީ ފަސް ދުވަސް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައެވެ. އަދި 24 އަހަރުގެ މީހާގެ ބަންދަށް ތިން ދުވަސް ޖަހައިދީފައިވާއިރު 31 އަހަރުގެ މީހާގެ ބަންދަށް ޖެހީ ހަތް ދުވަސް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވީ މި މީހުން ހައްޔަރު ކުރީ ތިން ދުވަސް މަތިން ކަމަށެވެ. މާބައިދޫ ފެނަކަ އޮފީސް ފަޅާލީ އަންގަރަ ދުވަހުގެ ރޭ އެވެ.
އެ އޮފީސް ފަޅާލައި ތިޖޫރީގައި ހުރި 125800 އަށްވުރެ ގިނަ ރުފިޔާ ވަނީ ވަަގަށް ނަގާފައި އެވެ. މިހާތަނަށް އޭގެން އެއްވެސް ފައިސާއެއް ފެނިފައެއް ނުވެ އެވެ. ވަގަށް ނެގި ފައިސާގެ ތެރޭގައި ހިމެނެނީ ކަރަންޓު ބިލަށް ދައްކާފައިވާ ފައިސާ އާއި، ޕެޓި ކޭޝް ފަދަ ފައިސާ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިދިޔަ ހަފްތާގައި ގއ. ކޮލަމާފުށީ ކައުންސިލް އިދާރާގެ ތިޖޫރީ އާއި އެ އޮފީހުގައި ހުރި މިސްކިތު ފަންޑު ފޮށީގައި ހުރި ފައިސާތައް ވަނީ ވަގަށް ނަގާފަ އެވެ. އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އެ އިދާރާގެ މުވައްޒަފެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް