އީރާނަށް ޓްރަމްޕް ދިނީ އަނެއްކާވެސް ބޮން އަޅަންޖެހިދާނެ ކަމުގެ އިންޒާރު

އީރާނާ އެކު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުން ބުދަ ދުވަހުގެ ކުރިން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފެށިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ހުކުރު ދުވ...

19 Apr 2026 | 01:36
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް - ފޮޓޯ: ވައިޓްހައުސް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް - ފޮޓޯ: ވައިޓްހައުސް

އީރާނާ އެކު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުން ބުދަ ދުވަހުގެ ކުރިން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފެށިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

ހުކުރު ދުވަހު ރޭ "އެއާ ފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ ހަމަލާ ހުއްޓާލުމުގެ މުއްދަތު އިތުރު ނުކޮށްފާނެ ކަމަށެވެ. "ބްލޮކޭޑް ދެމި އޮންނާނެ, ހިތާމައާ އެކު އަނެއްކާ ވެސް ބޮން އަޅަން ޖެހިދާނެ" ކަމަށް ބުންޏެވެ. ނަމަވެސް ހަމަ އެ ވާހަކައިގައި، ޑީލެއް ހެދޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

އެޕްރީލް 8 ގައި ޕާކިސްތާނު މެދުވެރިވެގެން އެއްބަސްވި ދެ ހަފުތާގެ ހަމަލާ ހުއްޓާލުމުގެ މުއްދަތު ހަމަވާނީ އެޕްރީލް 22 ވަނަ ދުވަހަށެވެ. ފުރަތަމަ ބުރުގެ ސީދާ ވާހަކަތައް އިސްލާމާބާދުގައި 21 ގަޑިއިރަށް ކުރިއަށް ގެންގޮސް ވެސް އެއްބަސްވުމަކަށް ނާދެވުނެވެ. ނިއުކްލިއާ ޕްރޮގްރާމާއި ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު ދެ ފަރާތުގެ ދެމެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް ހުރެ ވާހަކަތައް މެދުކަނޑައިލިއެވެ.

ނިއުކްލިއާ ހަތިޔާރުގެ މައްސަލައިގައި ޓްރަމްޕް ބުނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އީރާނުގެ ޔޫރޭނިއަމް ހޯދާނެ ކަމަށެވެ. ވާހަކަތައް ފެއިލް ވެއްޖެ ނަމަ އެކަން ހާސިލުކުރާގޮތް ރީތި ނުވެދާނެ ކަމަށެވެ. އީރާނުގެ ޚާރިޖީ ވުޒާރާ އިން ރައްދު ދެމުން ބުނީ ފައްކާކޮށްފައިވާ ޔޫރޭނިއަމް "އީރާނުގެ ފަސްގަނޑު ފަދައިން މުޤައްދަސް" ކަމަށާއި "އެއްވެސް ހާލެއްގައި ބޭރަކަށް ނުގެންދެވޭނެ" ކަމަށެވެ.

ޓްރަމްޕުގެ މި އިންޒާރާ ގުޅިގެން، ހުކުރު ދުވަހު ހުޅުވައިލި ހޮރްމުޒް ކަނޑުއޮޅި ހޮނިހިރު ދުވަހު އީރާނުން އަލުން ބަންދުކޮށްފައިވެއެވެ. އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ބުނީ އެމެރިކާގެ ބްލޮކޭޑް ނުނަގާ ހިނދަކު ކަނޑުއޮޅި ނުހުޅުވާނެ ކަމަށާއި ކައިރިވާ ބޯޓުފަހަރާ މެދު "ދުޝްމިނުންނާ އެއްބައިވާ" ބައެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ.

ސީއެންއެންއަށް އީރާނުގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި ހޯމަ ދުވަހު ޕާކިސްތާނުގައި ދެ ވަނަ ބުރެއްގެ ވާހަކަތައް ބާއްވާނެއެވެ. ނަމަވެސް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން ބުނީ ތާރީޚެއް އަދި ކަނޑައެޅިފައި ނެތް ކަމަށެވެ. ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ވައިގެ ހަމަލާތައް ދިނުމާ ހަމައިންނެވެ. އޭގެ ފަހުން މެދުއިރުމަތީގެ އެކި ޤައުމުތަކުގައި 4،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް