ކޯވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުވެ މާލެ ލޮކްޑައުންގައިވާ މި ހާލަތުގައި މިއަދުން ފެށިގެން ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ގެއަކުން މީހަކަށް ނުކުތުމުގެ ހުއްދަ ދޭން ފުލުހުން ނިންމައިި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފައިރޫޝް ވިދާޅުވީ ކުއްލިއަކަށް މާލެ ލޮކްޑައުން ކުރަން ޖެހުނު އިރު މާލޭގައި ދިރިއުޅޭ ބައެއް މީހުންނަކީ އެއް ގެއިން ކައިގެން އަނެއްގޭގައި ދިރިއުޅޭ މީހުން ކަމަށެވެ. އަދި ހުރިހާ އެންމެންނަކީ ފުދުންތެރި މީހުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ މިހާރު އަމަލު ކުރަމުންދާ ގޮތަށް ކޮންމެސް ވަރެއްގެ ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. މިއަދުން ފެށިގެން ކޮންމެ ތިން ދުވަހަކުން އެއް ދުވަހު އެކަކަށް ގެއިން ނުކުތުގެ ހުއްދަ ދޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ. އެ ހުއްދަ ދެވެނީ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި އުޅުމަށް އެއް ގަޑިއިރަށެވެ.
ފައިރޫޝް ވިދާޅުވީ އެއީ އެކަށީގެންވާ ވަގުތެއްތޯ މިއަދު އެކަމަށް އަމަލު ކުރަން ފެށުމަށް ފަހު ފުލުހުން ދެނެގެނަންނާނެ ކަމަށެވެ. އެ ވަގުތަކީ ޒަރޫރީ ތަކެތި ގަތުމަށް ފިހާރައަށް ގޮސް ތަކެތި ގަނެގެން ހިފައިގެން ދާން ދޭ ވަގުތުކޮޅެކެވެ. އޭނާ ވިދާޅުވީ ހުއްދަ ލިބޭ ފަރާތަށް އެމީހަށް ނުދެވޭނެ ސަރަހައްދުތަކާއި ދެވޭނެ ހިސާބު އެނގޭނެ ކަމަށެވެ.
މިއަދުން ފެށިގެން އަމަލު ކުރަން ފަށާ މި އުސޫލުގެ ދަށުން މާލެ ވަނީ26 ޒޯނަކަށް ބަހާލާފައި އެވެ. އަދި ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ ދެމުންދިޔަ ހުއްދަތަކަށް ބަދަލު ގެނެސް ވަކި ވަކި ޒޯންތަކުގައި ހުންނަ ގޭގެއަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދޭން ވަނީ ނިންމާފައި އެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މާލެ ތެރޭގައި ވަކި ޒޯންތަކަށް ޑެލިވަރީ ކުރެވުނަސް އެ ހުއްދައިގެ ދަށުން މާލޭ ނޯތް ހާބަރުގައި އޮތް ބޯޑުތަކަށް ކޮންމެ ފިޔަވާރިއަކަށްވެސް މުދާ ޑެލިވަރީ ކުރެވޭނެ ކަމަށެވެ.
މާލެ ލޮކްޑައުންކޮށްފައިވަނީ14 ދުވަހަށެވެ. މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ބުނީ ޑެލިވަރީ ކުރުމުގައި ލަސްވެ އުނދަގޫތަކާއި ކުރިމަތިވިޔަސް ގެއަކުން މީހަކު ފިހާރައަށް ދާގޮތަށް ފަދަ ގޮތަކަށް އަމަލު ކުރެވޭނީ ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް(ޓެގް) އިން ވަކި ގޮތެއް ނިންމުމުން ކަަމަށެވެ.
މިހާތަނަށް މާލެއިން އެކަނި ހަތަރު ދުވަސް ތެރޭގައި 15 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވާއިރު މާލޭގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އެޗްޕީއޭއިން ލަފާ ކުރާ ގޮތުގައި ކޮންމެ ދުވަހަކު ބަލިޖެހޭ މީހުންގެ އަދަދު މަދު ނުކުރެވިއްޖެ ނަމަ ކުރިޔަށް އޮތް14 ދުވަސް ތެރޭގައި މުޅި ރާއްޖެ މި ބަލީގައި ނުރައްކާތެރި ހާލަތަށް ދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް