ބަންގްލަދޭޝްގައި ސްކޫލެއްގެ ޓީޗަރެއްގެ އޯޑަރަށް މުސްލިމު އަންހެން ދަރިވަރަކު ދިރިހުއްޓާ އަންދާލި މައްސަލަ ފެންމަތިވެ އެ ގައުމުގައި މި ކަމާއި ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު އަޑު އުފުލަން ފަށައިފިއެވެ.
ދިރިހުއްޓާ އަންދާލާފައިވަނީ އުމުރުން 19 އހަރުގެ ނުސްރަތު ޖަހާން ރަފީ އެވެ. އޭނާ ދިރިހުއްޓާ އަންދާލާފައިވަނީ އޭނާގެ ހެޑް ޓީޗަރު އޭނާއަށް ޖިންސީ ގޯނާކުރާކަމަށް ބުނެފައިވަނިކޮށެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި މައްސަލަ ފެންމަތިވެ މައްސަލަ ހޫނެވެފައިވާއިރު މިކަން ކުރި އެންމެނަށް އެންމެ ހަރުކަށި އަދަބު ދެއްވާނެ ކަމަށް ސޭހު ހަސީނާ ވަނީ ވައުދުވެފައެވެ.
ބަންގްލަދޭޝްގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބަޔަކު ގަދަކަމުން އޭނާ ކިޔަވަމުން އަންނަ ސްކޫލުގެ ޓެރަހަށް އޭނާ އަރުވާފައި، ޓީޗަރާއި ދެކޮޅަށް ކޮށްފައިވާ ކޮމްޕްލޭން ނެގުމަށް އެދުނެވެ. ނަމަވެސް އެކަމަށް ނުސްރަތު ދެކޮޅު ހެދުމުން ގަޔަށް ކަރާސީނު އަޅާ އަންދާލީ ކަމަށް ބުނެފައިވެއެވެ.
މި މައްސަލައިގާ މިހާރު 17 މީހަކު ހައްޔަރުކޮށްފައިވާކަމަށް ބަންގްލަދޭޝްގެ ފުލުހުން ބުނެއެވެ. މި މީހުންނަކީ ހެޑް ޓީޗަރުގެ އެންގުމަށް، ރަފީ ޖައްސާފައިވާ މައްސަލަ ނެގުމަށް ނުސްރަތަށް ޕްރެޝަރު ކުރަން އުޅުނު 17 މީހުންނެވެ. އަލިފާން ރޯކޮށްލި މީހުންވެސް މި މީހުންގެ ތެރޭގައި ހިމެނެއެވެ. އަދި ނުސްރަތުގެ ބައެއް ކްލާސްމޭޓުންވެސް އެ މީހުންގެ ތެރޭގައި ހިމެނެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެމީހުން އެކަން ކުރަން އުޅުނީ ނުސްރަތު އަމިއްލައަށް މަރުވިކަން ދެއްކުމަށެވެ. ނަމަވެސް އެމީހުންގެ ޕްލޭން މިހާރު ފަޅާ އަރާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ނުސްރަތުގެ ގައިގާ ރޯކޮށް އަންދދާލާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. ގައިގެ 80 އިންސައްތަ ފިހުނު، ނުސްރަތު މަރުވީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މި މައްސަލައިގާ، ހެޑް ޓީޗަރު ހައްޔަރުކޮށްފައިވާކަމަށް ބައެއް މަސްދަރުތަކުން ބުނެފައިވެއެވެ. އަދި އޭނާ އާއި ދެކޮޅަށް ހެކި ހޯދާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނުސްރަތު މަރާލި އިރު ނުސްރަތު ވަނީ އޭނާއަށް ހަމަލާދޭން އުޅުނު އިރު ބައެއް މަންޒަރުވެސް އޭނާގެ ފޯނަށް ރެކޯޑު ކޮށްފައެވެ. އަދި ހެޑް ޓީޗަރު އޭނާއަށް ޖިންސީ ގޯނާކުރިކަމަށް އެންމެ ފަހު ވަގުތުވެސް ނުސްރަތު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް