ކ. ގުޅިގެ ހުޅަނގުން ހަ މޭލު ބޭރުން ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ އެކްސިޑެންޓުވި އެއް ލޯންޗުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް މީހެކެވެ. އޭނާ މަރުވީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އިތުރު މީހަކު ގެއްލިފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ ދިވެއްސެކެވެ. އަދި ބިދޭސީ މީހާ އާއި އެކު އިތުރު މީހަކު މާލެ ގެނެސް ފަރުވާދެމުންދާ ކަމަށެވެ. އެމީހުން މާލެ ގެނައީ އެ ސަރަހައްދަށް ދިޔަ ދޯންޏަކުން ކަމަށް އެމްއެންޑީއެފުން ބުނެ އެެވެ.
އެކްސިޑެންޓުވެފައިވަނީ "އިތާފުށި 3" އަދި "އިތާފުށި 5" ނަމަކަށް ކިޔާ ދެ ލޯންޗެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ކޮށްފައިވަނީ މިރޭ 7:45 ހާއިރު އެވެ.
މިހާދިސާގައި ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް