މުޅި ދުނިޔޭގެ ސަމާލުކަން މީގެ ދެ ދުވަސް ކުރިން ހޯދީ ރާއްޖޭގެ ކޮންރަޑް މޯލްޑިވްސް ރަންގަލީގައި ދުނިޔޭގެ ފުރަތަމަ ކަނޑު އަޑީގެ ގެ ހަދަމުންދާ ވާހަކަ އެވެ.
އެ ގޭގެ ބޮޑު ބައި ނިމި މިހާރު ކުރިޔަށް ދަނީ ހަމައެކަނި ނުނިމި ހުރި ކުދި ކުދި މަސައްކަތްތަކެވެ. މުޅި ގެ ނިންމަން ޖުމްލަ 15 މިލިއަން ޑޮލަރު ހޭދަ ކުރާއިރު މިގޭގައި އެއް ރޭ ހޭދަކޮށްލަން ޓޫރިސްޓަކު މަދު ފައިސާކޮޅެއް ހޭދަ ކުރަން ނުޖެހޭނެކަން އެންމެންވެސް ގަބޫލު ކުރާނެ އެވެ.
"މުރަކަ" ނަމުން ނަންދީފައިވާ ކަނޑު އަޑީގެ މި ގޭގައި ރެއަކާއި ދުވާލު ހޭދަ ކުރުމަށް 50،000 ޑޮލަރު (771،000 ރުފިޔާ) ހޭދަ ކުރަންޖެހެ އެވެ. އެގޭގައި އާންމުކޮށް މުއްސަނދި ގެއެއްގައި ހުންނަ ހުރިހާ ހިދުމަތެއް ލިބެން ހުންނަ އިރު ކަނޑު އަޑީގައި ކިންގް ސައިޒުގެ ބެޑް ރޫމަކާއި ލިވިން އޭރިއާ އަދި ފާހާނާއެއް ހުރެ އެވެ. އެހެން ހިދުމަތްތައް ލިބެން ހުންނަނީ މަތީގައި ގައި އެވެ.
އެހެންކަމުން މި އަގަކީ އަދި ހަމައެކަނި ކޮޓަރިއަކަށް ހޭދަ ކުރަން ޖެހޭ އަގު ކަމެއް ނުވަތަ މުޅި ގެ ހިފާނަމަ ހޭދަ ކުރަންޖެހޭ އަގު ކަމެއް ސާފެއް ނުވެ އެވެ.
މި ގޭގެ ކޮޓަރިތައް ހަދާފައިވަނީ ކަނޑު އަޑީގެ 16.4 ފޫޓު އަޑީގައި އެވެ. އެ ގެ ހެދުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު ޓީމުން ބުނެފައިވަނީ އެންމެ އިސްކަން ދީފައިވާނީ ބޮޑު އަގު ދައްކައިގެން އެތަނަށް ނިދަން ދާ މީހުންގެ ސަލާމަތަށް ކަމަށެވެ.
"މި ތަން [މުރަކަ] ރެޒިޑެންސް ރައްކާތެރި ތަނަކަށް ހަދަން އާ ޓެކްނޮލޮޖީގެ ބޭނުންކޮށްފައި ވާނެ. ބޭނުމަކީ މި ތަނުގައި ނިދާ މީހުންނަށް މިއީ 100 ޕަސެންޓް ރައްކާތެރިތަނެއް ކަން ޔަގީން ކުރުން،" ކްރައުންގެ އެއް ހިއްސާދާރު އަހުމަދު ސަލީމް ވިދާޅުވި އެވެ.
ކޮންރެޑް އިން ބުނީ ނުވަ މީހުންގެ ޖާގައިގެ އެ ގެ ހަދައި ނިންމާ މިއަހަރުގެ ނޮވެމްބަރު މަހު ހުޅުވާނެ ކަމަށެވެ.
ވަށް ސިޑިއަކުން ފައިބަން ޖެހޭ މުރަކަ ރެސިޑެންސްގެ މަތީ ފްލޯގައި ހިމެނެނީ ޓުވިން ސައިޒްގެ ބެޑްރޫމަކާއި ޕައުޑާ ރޫމް، ޖިމް، ބަޓްލާސް ކުއާޓާއަކާއި ޕްރައިވެޓް ސެކިއުރިޓީ ކުއާޓަރަކާއި ގުޅިފައި ހުންނަ ލިވިން ރޫމަކާއި ބަދިގެއެއް އަދި ޑައިނިން އަކާއި ބާ އެކެވެ.
އެ ވިލާގެ ފަހަތުގައި އިރު އަރައިގެން އަންނަ މަންޒަރު ރީތިކޮށް ފެންނަ ގޮތަށް ހަދާ ޑެކްގައި އިންފިނިޓީ ސުވިމިން ޕޫލެއް ވެސް ހަދަން ނިންމާފައިވެ އެވެ. އެ ފްލޯގައި އިތުރު ކިންގް ސައިޒުގެ ބެޑްރޫމަކާއި މޫދު ފެންނަ ގޮތަށް އޮވެވޭ ބާތުޓަބެއް ހިމެނޭ ފާޚާނާއެއް ވެސް އެތަނުގައި ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް