މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހު މިއޮތް ހާލަތު ބަދަލު ކުރަން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.
އީޔޫގެ "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" އިން މިދިޔަ ޖެނުއަރީ މަހު އަށަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު މިއޮތް ހާލަތަށް ބަލާއިރު ސިޔާސީ މިނިވަންކަން އޮތީ ވަރަށް ބޮޑަށް ހަނިކޮށްފައިކަމަށެވެ. އެހެންކަމުން މިހާރު މިއޮތް ހާލަތުގައި ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭ އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.
އީޔޫގެ ބަޔާނުގައި ބުނެފައިވަނީ 2014 ވަނަ އަހަރުން ފެށިގެން މިނިވަން އިންސާފުވެރި އިންތިހާބުތަކަކަށް މަގުފަހި ކުރުމަށް ރާއްޖޭގެ ސިޔާސީ ފަރާތްތަކުންވެސް އަދި ރައްޔިތުންގެ މަޖިލީހުންވެސް އިސްކަން ދީފައި ނުވާ ކަމަށެވެ. އަދި އިންތިހާބާ ގުޅޭ ކަންކަން އިސްލާހު ކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ ފަރާތްތަކުން މިހާތަނަށް އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ރާއްޖޭގެ އިންސާނީ ހައްގުތަށް ކަށަވަރު ކުރުމާއި އަސާސި ހައްގުތަކާއި ގުޅޭ މައްސަލަތަކުގައި ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިނިވަން ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ސިޔާސީ ފަރާތްތަކަށް އޮންނަން ޖެހޭނެ ކަމަށާއި މިކަންކަން މީޑިއާތަކުން ރަނގަޅަށް ކަވަރު ކުރުމުގެ ފުރުސަތުވެސް ދޭން ޖެހޭނެ ކަމަށް ބަޔާނުގައިވެ އެވެ. އެ ފުރުސަތު މިހާރު ރާއްޖޭގައި ނެތް ކަމަށް ބަޔާނުގައި ވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިލެކްޝަންސް ކޮމިޝނުން ބައެއް ބަދަލުތަށް ގެންނަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މި ބަދަލުތަކުގެ ތެރޭގައި އިންތިހާބާ ގުޅޭގޮތުން އީޔޫއިން އެ ކޮމިޝަނަށް ދީފައިވާ ލަފާތައް ހިމަނާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށެވެ.
އެ މިޝަން އިން އިތުރަށް ބުނީ ރާއްޖެއަށް ކުރި ދަތުރުގައި ސިޔާސީ ޕާޓީތަކާއި ބައެއް މީޑިއާތަކާއި އަދި ޖަމިއްޔާ ޖަމާއަތްތަކާ އަދި ބޭރުގެ ސަފީރުންނާއި ބައްދަލު ކުރި ކަމަށާއި ނަމަވެސް ބައްދަލު ކުރަން މުހިންމު، ރައިސުލްޖުމްހޫރިއްޔާ އާއި ސުޕްރީމް ކޯޓާ ބައްދަލު ކުރެވޭ ގޮތް ނުވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް