ވިއްސާރައިގަ ދެކުނުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ދެކުނުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ އިއްޔެ އިރު އޮއްސެން އުޅެނިކޮށް ލ. ގަމަށް ވެނުނު ވާރޭގައި އެރަށު ތުނޑ...

19 Apr 2018 | 04:00

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ދެކުނުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ އިރު އޮއްސެން އުޅެނިކޮށް ލ. ގަމަށް ވެނުނު ވާރޭގައި އެރަށު ތުނޑީ އަވަށުގައި އަލަށް މީހުން އާބާދުވި ސަރަހައްދުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަދެފައިވާ ކަމަށެވެ. އެކަމަކުގެ ރިޕޯޓު އެމްއެންޑީއެފަށް ކުރުމުން ގޮސް ބައެއް ގޭގެއިން ފެންހިއްކީ ޕަންޕު ޖަހައިގެންނެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގެ މަގުތަކުގައިވެސް ފެންބޮޑުވެފައިވާއިރު މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރި އެވެ. އެކަމަކު ފެން ވަތް ގޭގެއަށް މާބޮޑު ގެއްލުމެއް ނުލިބެ އެވެ.

މި ވިއްސާރައިގަ އަންގާރަ ދުވަހު ތ. ތިމަރަފުއްޓަށް  ބޯކޮށް ވާރޭވެހި އެ ރަށުގެ މަގުތަކުގައި އާއި ގޭގައި ވަނީ ފެންބޮޑުވެފައި އެވެ. އެ ރަށު ކައުންސިލުން ބުނީ ރަށުގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ފެން ބޮޑުވެފައިވާ ކަމަށެވެ.

ތިރީހަކަށް ގެއަށް ފެން ވަދެ ހިފައި ގެންގުޅޭ އެއްޗިއްސަށް ގެއްލުން ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ދެ ގެއަކުން ފެން ނުހިއްކިގެން އެ ގޭގެ މީހުން އިއްޔެ ރޭ ނިދީ އެހެން ގެއެއްގައި ކަމަށް ކައުންސިލުން ބުނެ އެވެ. ތިމަރަފުށީ ކައުންސިލުން ބުނީ ރަށުގެ މަގުތަކުން ފެން ހިންދީ ކޯރު ކަނޑައިގެން ކަމަށެވެ.

މިހާރުވެސް މެޓް އޮފީހުން އޮތީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފަ އެވެ. އެގޮތުން މިއަދު މެންދުރު 12:00 އާއި ހަމައަށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފައިވެ އެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ބައްދާ ވިއްސާރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް