ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ކަސްރަތު ކުރާ މީހުން މިހާރު ވަރަށް ގިނަ އެވެ. ބޭނުމަކީ ހަށިގަނޑުން ދެތިން ކިލޯ ލުއިކޮށްލާ، ސިނގު ބަނޑު ހިންދާލުމެވެ.
އެކަމަކު ކިތަންމެ ވަރަކަށް ކަސްރަތު ކުރިޔަސް ބަރުދަނަށް ބަދަލެއް ނާންނަނީ ކީއްވެ ކަން އެނގޭހެއްޔެވެ. އަޒުމެއް ކަނޑައަޅައިގެން ހިކެއް މަސައްކަތް ކުރާނަމަ ވަކި ގަވައިދުތަކަކަށް އިހުތިރާމް ކުރަން ވާނެ އެވެ.
ޓީވީ ބަލަން އިނދެގެން ކެއުމަކީ ހިކެން ބޭނުންވެގެން ކަސްރަތު ކުރާ މީހަކު ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ޓީވީން ދައްކާ އެއްޗަކަށް ގެއްލި އިނދެ ލުއި ކާނާ އާއި ބުއިންތައް ކިތަންމެ ވަރަކަށްވެސް ކެވިދާނެ އެވެ. އެކަމަކު ޓިވީ ބަލާ ނިމޭއިރު ހުންނާނީ ބަނޑުހައިވެފަ އެވެ.
އެހެންވެ އަނެއްކާވެސް ޖެހެނީ ވަރަށް ގިނައިން ކާށެވެ. ސަމާލުކަން ދޭން ޖެހެނީ މިކަންކަމަށެވެ. އެގޮތަށް އިނދެގެން ހުއްޓުމެއް ނެތި ކެއުމުން ހަށިގަނޑަށް ބޭނުން ނުވާ ކެލޮރީސް އިތުރުވެ ބަރުދަން ލުއިވާ ގޮތެއް ނުވާނެ އެވެ.
ދަންވަރު ކެއުމަކީވެސް ވިސްނަން ޖެހޭކަމެކެވެ. ދަންވަރު ކާނަމަ ގިނައިން ކެވޭނީ ކެލޮރީސް ގިނައިން ހުންނަ ލުއި ކާނާ އާއި ކޭކު ފަދަ އެއްޗިއްސެވެ. އެއަށްވިރެ ރަނގަޅު ގޮތަކީ ދަންވަރު ބަނޑުހައިވިޔަސް ވީހާވެސް ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ކެއުމެވެ.
ގަޑިން ގަޑިއަށް ކެއުމަކީވެސް ހިކެން ބޭނުން ނަމަ ކުރަންޖެހޭ ކަމެކެވެ. ހެނދުނުގެ ސައި ބުއިމާއި މެންދުރު ކެއުން ހުއްޓާލުމަކީ ބަރުދަން ލުއިވާނެ ކަމެއް ކަމަށް ހީނުކުރާށެވެ. އެގޮތަށް ގިނަ އިރު ނުކައި ނުންނަ ނަމަ ހަށިގަނޑުގެ ގުނަވަންތަކުގެ ހިނގުން ލަސްވެ، ކާއެއްޗެހި ގުނަވަންތަކަށް ފޮނުވުން ލަސްވާނެ އެވެ.
ދެން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަކީ މަޑުމަޑުން އިނގެ ކެއުމަށާއި ރަނގަޅަށް ކާއެއްޗެހި ހެފުމަށެވެ. ރަނގަޅަށް ނުހަފާ ކާއެއްޗެހި ކާނަމަ ހަޖަމުވުން ލަސްވެ އެ ކާއެއްޗެހީގެ ސަބަބުން މީހާގެ ހަށިގަނޑު ބަރުވާގޮތް ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް