ބޮލީވުޑް އަދި ހޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޕްރިޔަންކާ ޗޯޕްރާ ގިނަ ދުވަސްތަކަކަށް ފަހު ހިންދީ ފިލްމެއް ކުޅެއް އެއްބަސްވެއްޖެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ބޮލީވުޑުން ފެނިގެންދިޔައީ 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ގަންގާޖަން" އިންނެވެ. އޭގެ ފަހުންވެސް އެތައް ހުށަހެޅުންތަކެއް އޭނާއަށް ބޮލީވުޑުން ލިބުނުނަމަވެސް ފުރުސަތުތައް ދޫކޮށްލީ ހޮލީވުޑްގައި މަސައްކަތް ކުރަން ބޭނުންވާތީ ކަމަށްވެ އެވެ.
މިފަހަރު ޕްރިޔަންކާ ކުޅެން އެއްބަސްވެފައިވަނީ ސަލްމާން ހާން ލީޑް ރޯލުން ފެނިގެންދާ "ބާރަތް" އެވެ. އޭނާ ޓީމާ ގުޅުނުކަން އަމިއްލައަށް ހާމަ ނުކުރިނަމަވެސް ސަލްމާން ވަނީ ޓުވިޓާ މެދުވެރިކޮށް ޕްރިޔަންކާ ޓީމާއި ގުޅިއްޖެ ކަން ހާމަކޮށް މަރުހަބާ ކިޔާފަ އެވެ.
މި ފިލްމުގެ ޝޫޓިން މިދިޔަ ހޯމަ ދުވަހު ފަށާފައިވާއިރު ޕްރިޔަންކާ ޝޫޓިން އާއި ގުޅޭނެ ދުވަހެއް އަދި ނޭނގެ އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ "ބާރަތް" ކުޅެން ޕްރިޔަންކާ އެއްބަސްވީ ދިގު މުއްދަތަކަށް ފަހު ސަލްމާން އާއި އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ނެވެ.
ޕްރިޔަންކާ "ބާރަތް" ކުޅެން އެއްބަސް ވެފައި މިވަނީ އޭނާގެ އިނގިރޭސި ޓީވީ ސީރީޒް "ކުއަންޓިކޯ" ގެ ހަތަރު ވަނަ ބައި ނުކުޅެން ނިންމުމަށްފަހު އެވެ. ޕްރިޔަންކާ ބުނެފައިވަނީ "ކުއަންޓިކޯ" ގެ ހަތަރު ވަނަ ސީޒަނަކަށް މީހުން އިންތިޒާރު ކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ކާމިޔާބު ކަމާއި އެކު ތިން ވަނަ ސީޒަން އާއި އެކު ސީރީޒް ނިންމާލުން ކަމަށެވެ.
އެ ސީރީޒްގެ ތިން ވަނަ ސީޒަން މިމަހުގެ 26 ގައި ދައްކަން ފަށާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް