ފުލުހުން ސިޔާސީވެ، ވެރިކަމަށް އަންނާނީ ކޮންބައެއްތޯ ބަލާކަށް ނުޖެހެ: ރައީސް

ފުހުންނަކީ އަބަދު ސިޔާސީ މީހުންނަށް ތަބާވާންޖެހޭ ބައެއް ނޫން ކަމަށާއި ވެރިކަމަށް ދެން އަންނާނީ ކޮން ބައެއްތޯ ފުލުހުން ބަލަން ނުޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. ފުލުހުންގެ 85 ވ...

18 Apr 2018 | 20:14

ފުހުންނަކީ އަބަދު ސިޔާސީ މީހުންނަށް ތަބާވާންޖެހޭ ބައެއް ނޫން ކަމަށާއި ވެރިކަމަށް ދެން އަންނާނީ ކޮން ބައެއްތޯ ފުލުހުން ބަލަން ނުޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔަމީން ވިދާޅުވީ ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔާ އަކީ ރައީސުލް ޖުމްހޫރިއްޔާކަން ފުލުހުންގެ މުއައްސަސާގައި އިސްކޮށް ތިއްބެވި ބޭފުޅުން ގަބޫލު ކުރަން އެބަޖެހޭ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް ދެން އަންނާނީ ކޮން ބައެއްތޯ ވިސްނުމުގެ ބަދަލުގައި ފުލުހުން ވިސްނަން ޖެހޭނީ އެއިރަކު އޮންނަ ގާނޫނީ ސަރުކާރެއް ދަމަހައްޓަން ކަމަށެވެ.

"ފުލުހުންގެ މުއައްސަސާގައި އިސްކޮށް ތިއްބެވި ބޭފުޅުން ގަބޫލު ކުރަން އެބަޖެހޭ ދައުލަތް ހިންގުމުގެ އެންމެ އިސް ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާކަން، ދައުލަތް ހިންގުމުގެ އެންމެ އިސް ވެރިއަކީ ޖުޑީޝިއަރީއެއް ނޫން. އަދި ދައުލަތް ހިންގުމުގެ އެންމެ އިސް ވެރިއަކީ އިދިކޮޅު ޕާޓީތަކުގައި ތިބި ލީޑަރުންނެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބައެއް ފުލުހުންގެ އަމަލުތަކުގެ ސަބަބުން އެ މުއައްސަސާއާ މެދު އޮންނަ އިތުބާރު ގެއްލިފައިވާ ކަމަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް އިތުބާރު އަލުން އާލާ ކުރަން ޖެހިފައިވާ ކަމަށެވެ. ފުލުހުން ކުރާ ކަންކަމަށް ސަމާލުކަން އިތުރު ކުރަން ޖެހޭ ކަމަށާއި މަދު ފުލުހަކާ ހެދި މުޅި މުއައްސަސާގެ އަގު ވެއްޓެން ދޫކޮށްގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ފުލުހުންނަކީ ރައްޔިތުންގެ މުދަލާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރާ ފަރާތް ކަމަށްވާ އިރު ފުލުހުންގެ ހިދުމަތަށް ޝުކުރުވެރިވި ނަމަވެސް ދާދި އަވަހަށް އެކަން ހަނދާންނެތޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް ފުލުހުންގެ މުއައްސަސާ އިން ކުޑަކުޑަ ކުށެއް ކުރެވިއްޖެ ނަމަ އެއީ ޖެހޭ ލައްގަނޑަކަށް ވެގެންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް