ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު މަސައްކަތް ކުރީ ވަކި މީހަކަށް ވެރިކަން ހޯދައިދޭން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
އަޒްލީން މިހެން ވިދާޅުވީ ފުލުހުންގެ 85 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެކަމަކު އަރީފު މަސައްކަތް ކުރެއްވީ ކާކަށް ވެރިކަން ހޯަދައިދޭން ކަމެއް އަޒްލީން ވިދާޅެއް ނުވެ އެވެ.
އަޒްލީންގެ ވާހަކައިގަ ވިދާޅުވީ އެކެއް ފެބްރުއަރީ އަމުރު ނެރުން އިރު ފުލުހުންގެ މުއައްސަސާގައ އެންމެ އިސްކޮށް ހުންނެވި އަރީފް މަސައްކަތް ކުރީ ގާނޫން އަސާސީ "އަންދާ އަޅިއަށް ހަދާލުމާއި" ވަކި މީހަކަށް ވެރިކަން ދިނުމަށް ކަމަށެވެ. އެ ފަރާތުން ފުލުހުންގެ ބައެއް ބޭފުޅުންނާ ގުޅިގެން ހިންގަން ރޭވީ ޖަރީމާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ބަޣާވާތް ހުއްޓުމަކަށް ގެނައީ ރައީސް ޔާމީންގެ ޖެހިލުން ކުޑަކަމާއި ތަޖުރިބާގެ ސަބަބުން ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެ ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
"ފުލުހުންގެ ތެރޭގައި ކަންކަން ކުރައްވާފައިވާ ގޮތް ތަހުގީގުތަކަށް ފަހު މިވަނީ ސާބިތުވެގެން ގޮސްފައި، އެ ފަރާތުން ފުލުހުންގެ ބައެއް މީހުންނާ ގުޅިގެން ހިންގަން ރާވާފައި ވަނީ ގާނޫން އަސާސީ އަނދައި އަޅިއަށް ހަދާލައި ވެރިކަން ވަކި ފަރާތަކަށް ހޯދުމުގެ މަގްސަދުގައިކޮށްފައިވާ ހިތާމަވެރި އަމަލެއް، މިކަމަކީ ގުޅިގެން ކުރެވުނު ވަރަށް ވަރުގަދަ ތަހުގީގުތަކަކުން ފެންމަތިވެފައިވާ އެހެނަސް ގަބޫލު ކުރަން ދަތި ހަގީގަތެއް،" އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ ފުލުހުން ވާންވާނީ ސަރުކާރަށް ވަފާތެރި، ގާނޫނުއަސާސީ ދަމަހައްޓާ، ރައްޔިތުންނަށް އެހީތެރިވާ ބަޔަކަށް ކަމަށެވެ. އެކަމަކު ފުލުހުންގެ މުއައްސަސާ އަށް ނިސްބަތްވާ ބައެއް ބޭފުޅުންނަކީ ޣައްދާރުންގެ ގޮތުގައި ދިވެހި ތާރީހުގައި ލިޔެވޭނެ ބައެއް ކަމުގައި ވާނެ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް