އެެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އިޒްރޭލު ބޮޑުވަޒީރު ނަތަންޔާހޫ -
މެދުއިރުމަތީގެ މަސްރަޙާ ގުޅިގެން އިޒްރޭލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑުގެ ބަޔަކަށް ހަމަލާ ދީފައިވާ ކަމަށާއި، އެ ކަން އެމެރިކާއަށް އެނގިފައި ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް އޭނާގެ ޓްރޫތް ސޯޝަލް އެކައުންޓުގައި ލިޔެފައިވާ ގޮތުގައި، މި ހަމަލައާ ޤަތަރާ ވެސް އެއްވެސް ގުޅުމެއް ނެތެވެ. ނަމަވެސް އެ ހަގީގަތް ނޭނގި، އީރާނުން ވަނީ ނުހައްގުން ޤަތަރުގެ އެލްއެންޖީ ގޭސް ފެސިލިޓީގެ ބަޔަކަށް ހަމަލާ ދީފައި ކަމަށް ޓްރަމްޕް ބުންޏެވެ.
ޓްރަމްޕް ބުނީ، އީރާނުން ޤަތަރަށް އަލުން ހަމަލާ ނުދޭހާ ހިނދަކު، ސައުތު ޕާސް ފީލްޑަށް އިޒްރޭލުން ދެން އިތުރު ހަމަލާއެއް ނުދޭނެ ކަމަށެވެ. ނަމަވެސް ޤަތަރަށް އީރާނުން އަނެއްކާ ހަމަލާ ދީފިނަމަ، އިޒްރޭލުގެ އެހީއާ އެކު ނުވަތަ އެ އެހީއާ ނުލައި ވެސް، ސައުތު ޕާސް ފީލްޑް އެއްކޮށް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދިނެވެ.
ޓްރަމްޕް ބުނީ އީރާނުގެ މުސްތަޤުބަލަށް ކުރާނެ ދިގު މުއްދަތުގެ އަސަރަށް ބަލާއިރު، އެ ފެންވަރުގެ ހަމަލާއެއް ދޭން ބޭނުން ނުވާ ކަމަށާއި، ނަމަވެސް ޤަތަރަށް އަނެއްކާ ހަމަލާ ދީފިނަމަ ފަސްނުޖެހޭނެ ކަމަށެވެ.
ސައުތު ޕާސް ގޭސް ފީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑެވެ. އީރާނުގެ ދެކުނުގައި ބޫޝެހުރު ޕްރޮވިންސުގެ އައްސޭރީގައި އޮންނަ މި ފީލްޑަށް އިޒްރޭލުގެ ވައިގެ ސިފައިން ދިން ހަމަލާގައި ގޭހާ ގުޅޭ ތަންތަނަށް ގެއްލުންވެ އަލިފާން ރޯވެފައިވެއެވެ. އީރާނުގެ ތެލާ ބެހޭ ވުޒާރާއިން ބުނެފައި ވަނީ ގެއްލުންތަކެއް ލިބުނު ނަމަވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސައުތު ޕާސް ފީލްޑާއި ޤަތަރުގެ ނޯތު ފީލްޑަކީ އެއް ޖިއޮލޮޖިކަލް ފޯމޭޝަނެއް ހިއްސާކުރާ ދެ ފީލްޑެވެ.
ބަދަލެއްގެ ގޮތުގައި އީރާނުން ބެލިސްޓިކް މިސައިލް ހަމަލާ ދީފައި ވަނީ ޤަތަރުގެ ރަސް ލަފާން އިންޑަސްޓްރިއަލް ސިޓީގެ ގޭސް ފެސިލިޓީއަށެވެ. ރަސް ލަފާނަކީ ދުނިޔޭގެ އެންމެ ބޮޑު އެލްއެންޖީ އެކްސްޕޯޓް ކޮމްޕްލެކްސް ހުންނަ ތަނެވެ. ޤަތަރުގެ ދާޚިލީ ވުޒާރާއިން ބުނެފައި ވަނީ ހަމަލާގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް