ޕޮސިޓިވް ކޭސްއެއް ނުފެންނަތާ ފަސް ދުވަސް، އެކަމަކު ނުރައްކާތެރިކަން އިންތިހާއަށް: ޑރ. ނަޒްލާ

ރާއްޖެއިން ކޮރޯނާ ވައިރަސްގެ ފުރަތަމަ ކޭސް ރިޕޯޓު ކުރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން ޓެސްޓު ކުރުމާއި މޮނިޓާ ކުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަރުގަދަ ކުރުމުން އިތުރު ކޭސްތައް ދިޔައީ...

19 Mar 2020 | 15:21

ރާއްޖެއިން ކޮރޯނާ ވައިރަސްގެ ފުރަތަމަ ކޭސް ރިޕޯޓު ކުރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

އޭގެ ފަހުން ޓެސްޓު ކުރުމާއި މޮނިޓާ ކުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަރުގަދަ ކުރުމުން އިތުރު ކޭސްތައް ދިޔައީ ފެންނަމުންނެވެ. އެކަމަކު މިއަދު މިއީ ޕޮސިޓިވް ކޭސްއެއް ނުފެންނަތާ ފަސް ވަނަ ދުވަހެވެ. އަދި ފުރަތަމަ ވައިރަސް ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރެގެން ކަރަންޓީން ކުރި މީހުންގެ ތެރެއިން 109 މީހަކު ވަނީ ބަލީގެ ނިޝާނެއް ނުފެނުމުން 14 ދުވަސް ހަމަވުމުން ދޫކޮށްލާފަ އެވެ.

މިހާތަނަށް 400 އަށްވުރެ ގިނަ ސާމްޕަލް ރާއްޖެއިން ކޮރޮނާ ވައިރަސް އަށް ޓެސްޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޕޮސިޓިވް ވީ 13 މީހުންނެވެ. އެޗްޕީއޭއިން ބުނީ ވައިރަސް ފެތުރިދާނެތީ އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ދަށުން ކިރިޔާވެސް ޝައްކުވާނަމަ ކޯވިޑް-19 އަށް ޓެސްޓު ކުރަމުންދާ ކަމަށެވެ.

އެގޮތުން މާލޭގައި ގާއިމްކޮށްފައިވާ ކްލިނިކް ތަކަށް ރޯގާ އާއި ހުން އައިސްގެން ދެއްކި 1300 އަށްވުރެ ގިނަ މީހުންގެ ތެރެއިން 121 މީހަކު ވައިރަހަށް ޓެސްޓުކޮށްފައިވެ އެވެ. އެކަމަކު އެ އެންމެން ބައްޔަށް ނެގެޓިވް އެވެ.

އެހެންވެ ގިނަ އާންމުން ގަބޫލު ކުރާގޮތުގައި ރާއްޖޭގައި ވައިރަސް ފެތުރުމުގެ ބިރު ވަނީ ފިލައިގެން ދާން ފަށާފައި އެވެ. އެކަމަކު ސިއްހީ މާހިރުން މިކަން ގަބޫލު ނުކުރައްވައެވެ. ބޭހެއް، ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އަދިވެސް އެހެން ގައުމުތަކުގައި ދަނީ ބޮޑުވަމުންނެވެ.

އެއް ދުވަހުން އަނެއް ދުވަހަށް މުޅި ގައުމު ބަންދު ކުރާ ގައުމުތައްވެސް ދަނީ އިތުރު ވަމުންނެވެ. ދިވެހިން ގޮސް އުޅޭ ސްރީލަންކާ، މެލޭޝިއާ ފަދަ ގައުމުތައް އޮތީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ވަޔާއި އެއްގަމު މަގުން ބަންދުކޮށްފައި އެވެ.

މިދިޔަ ހަފްތާގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ފަހުން މި ހަފްތާގައި އެންމެ ބޮޑަށް ހައިރާންކަން ގެންނަ ކަންކަމަށް ފާހަގަ ވެގެން ދިޔައީ ކުއްލި އަކަށް ޑައިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އާންމު ރައްޔިތުންނާއި ޓޫރިސްޓުންނާއި ދުރު ކުރެވޭނެ ގޮތްގޮތަށް ނެރުއްވާ އަމުރުތަކެވެ. ޓޫރިސްޓުން ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން ފޭބުން މަނާކޮށް، ތިބި ރަށް ނޫން އެހެން ރަށަކަށް ދިއުން މަނާކޮށް އެންމެ ފަހުން ރާއްޖޭގެ ހުރިހާ ގެސްޓު ހައުސްތަކަށް ބިދޭސީން ގެއުން މަނާ ކުރެއްވި އެވެ.

އިތުރު ފިޔަވަޅުތަކެއްގެ ގޮތުން ސަރުކާރު އެއް ހަފްތާއަށް ބަންދު ކުރި އެވެ. ގޭގައި މީހުން ތިބުމަށް ސަރުކާރުން އެދިފައިވާއިރު ޑޮކްޓަރުން ވިދާޅުވަނީ ކުރިޔަށް އޮތް ދެތިން ހަފްތާއަކީ ރައްޔިތުން އެންމެ ސަމާލުކަން ދޭންވީ ހަފްތާ ކަމަށެވެ. އެއީ ވައިރަސް މުޅި ރާއްޖެއަށް ފެތުރިފައިވާކަން އެނގިގެންދާނެ މުއްދަތަކީ އެއީ ކަމަށް ވާތީ އެވެ.

އެޗްޕީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޭސްތައް ފެނުން މަދުވި ނަމަވެސް ވައިރަހުގެ ނުރައްކާތެރިކަމާއި ހާސްކަން ފިލުވާލަންވީ ވަގުތު އަދި ކައިރި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް އަދިވެސް ބޭރުގެ ފަރާތްތަކުން އައުން އެއްކޮށް މަނާ ކޮށްފައި ނުވާތީ ދުނިޔޭގެ ގައުމުތަކުގައި ވައިރަސް ފެތުރުން ނުހުއްޓޭނަމަ ކުރިންވެސް އޮތް ވަރަށް ހާސްކަމާއި ބިރުވެރިކަން އެބައޮތް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެޗްޕީއޭއިން އޮތީ އެންމެ ނުރައްކާތެރި ހާލަތަށްވެސް ތައްޔާރަށް ކަމަށެވެ. އެއީ މުޅި މުޖުތަމައުގައި ބަލި ފެތުރޭ ވަގުތު ކަމަށާއި އެހާލަތަށް ގައުމު ނުދާނީ ރައްޔިތުންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށެވެ.

އިރާން އަކީ މިވަގުތު ކޮރޯނާ ވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ އެއްގައުމެވެ. އެ ގައުމުގެ ޝަރީފް ޔުނިވާސީން ކުރި ދިރާސާ އެއްގައި ބުނެފައިވަނީ މިހާރު ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ރައްޔިތުން 100 ޕަސެންޓު އެއްބާރުލުން ދިންކަމުގައިވިޔަސް މަދުވެގެން 12،000 އަށްވުރެ ގިނަ މީހުން އެ ގައުމުން މަރުވާނެ ކަމަށެވެ.

އެ ދިރާސާ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އެފަދަ އަންދާޒާތަކަށް ބަލައި ރާއްޖޭގައި ވަރަށް ރަނގަޅަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާން ޖެހޭ ކަމަށެވެ. ހަމަ އެ ބިރުވެރިކަން ރާއްޖެއަށްވެސް މިވަގުތު އެބައޮތް ކަމަށާއި އަމިއްލަ ފަރުދީ ޒިންމާ އަދާ ކުރުމުގެ ގޮތުން ކަމާ ބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް އިލްތިމާސް ކުރެއްވި އެވެ.

އެޗްޕީއޭއިން ވަނީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ކަރަންޓީން ކުރަން ނިންމާފަ އެވެ. އަދި ގޭގައި އައިސޮލޭޓްވާން އަންގާ މީހުން އެކަމަށް އެއްބާރުލުން ނުދޭނަމަ ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވެ އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވާ އެންގުންތަކަށް ތަބާ ނުވާނަމަ 5،000 ރުފިޔާއަށް ވުރެ އިތުރު ނޫން އަދަދަކުން ޖޫރިމަނާކޮށް އެމިހާގެ މައުލޫމާތު އާންމު ކުރަން ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް