މުޣްނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭތީ، އެމޑީޕީއިން އޭނާ އަށް ކުރި ތާއީދު އަނބުރާ ގެނދިއުމުން، އެ ނިންމުމާ ދެކޮޅަށް ތިނަދޫ ގައި އިއްޔެ މުޒާހަރާ ކޮއްފިއެވެ.
އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ އަބްދުލް މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކުރެވޭތީ، އޭނާ އަށް އެމްޑީޕީން ކުރި ތާއީދު ގެންދިޔައީ އިއްޔެ އެވެ.
މުޣުނީގެ ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި ޕާޓީގެ އެއްވެސް ބޭފުޅަކު ދެން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށާއި، އޭނާގެ ނަން ނުނަގާ ނަމަ ވާދަކުރާނީ އެމްޑީޕީގެ ޓިކެޓުގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ތިނަދޫގައި ތިބި ސަޕޯޓަރުން އިއްޔެ ހަވީރު މުޒާހަރާ ކުރީ އެ ނިންމުމަކީ ބޭއިންސާފުވެރި ނިންމުމެއް ކަމަށް ބުނަމުންނެވެ. އަދި ބައެއް މީހުން ބުނަމުން ދަނީ، އެމްޑީޕީން އެގޮތަށް އަމަލު ކުރީ އޭނާއާ ޒާތީވެ، އިންތިޚާބުން އޭނާ ފެއިލްކޮށްލުމަށް ކަމަށެވެ.
އެމްޑީޕީގެ މި އަމަލު ކުށްވެރިކޮށް، އެ ޕާޓީގެ ތިނަދޫ އުތުރު ދާއިރާ އިން ރޭގައި ނޫސް ބަޔާނެއްވެސް ނެރިފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، މީހަކު ކުރި ޓްވީޓަކާ ގުޅިގެން، އެއްވެސް ހެއްކެއް ގަރީނާއެއް އަދި ދާއިރާގެ ބަހެއް ނެތި އެ ފަދަ ނިންމުމެއް ނުނިންމޭނެ ކަމަށާއި، އަދި އެމްޑީޕީ އަކީ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ޕާޓީއަކަށް ވާއިރު، ހައްދުން ބޭރުވެ، ޕާޓީގެ ލީޑާޝިޕްގެ ވަކި ބަޔަކަށް މި ފަދަ ކަމެއް ނިންމޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް