ދެކުނު އަތޮޅުތަކުގެ ކުނި މެނޭޖް ކުރުމުގެ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ފެސިލިޓީ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮއްފިއެވެ.
އައްޑޫސިޓީ ހިތަދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ މި ނިޒާމުގެ މަސައްކަތް ހަވާލުކޮއްފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗާރއާއެވެ.
މިއަދު އައްޑޫ ނޭޗަރ ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި، މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަރަމެންޓް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން، އަދި ދެކުނު ކޮރެއާގެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ރައީސް ލިމް ޑޮންގް އިލްއެވެ.
މި ސަރުކާރު އައި އިރު ރާއްޖޭގައި ކުނީގެ ހާލަތު އޮތީ ވަރަށް އެކަށީގެން ނުވާ ހާލަތެއްގައި ކަމަށާއި، ކުނީގެ މައްސަލަ ހައްލުކުރުމަކީ އެންވަރަމެންޓް މިނިސްޓްރީ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދެކުނުގެ އަތޮޅުތަކުގެ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ ޤާއިމުކުރުމަށް ބޭނުންވާ ވޭސްޓް އިންސިނެރޭޝަން ޕްލާންޓް ޑިޒައިންކޮށް، ރާއްޖެ ގެނެސް އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އެންވަރަމަންޓް މިނިސްޓްރީން ވިދާޅޫވީ މި މަޝްރޫއަކީ ގްރީން ޓެކްސްގެ ގޮތުގައި ނެގޭފައިސާއިން އެކުލަވާލާފައިވާ މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން ހިންގާ ފުރަތަމަ މަޝްރޫޢުކަމަށެވެ.
ހަމައެއާއެކު، އެންވަރަމަންޓް މިނިސްޓްރީން ވިދާޅުވީ މިމަޝްރޫއުގެ މަސައްކަތް ފަށާތާ 15 މަސް ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް