އަދުލު އިންސާފު ގާއިމް ކުރުމަކީ އިސްލާމް ދީނުގެ އެންމެ އިސްކަން ދޭ އެއް ކަންތައް ކަމަށާއި އެކަން ނުކޮށް ދީނަށް ހިދުމަތް ކުރުމަކީ ދީނުގައި ބަލައިގަންނާނެ ކަމެއް ނޫންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދީނީ އިލްމުވެރިންގެ ބައިވެރިވުމާއި ގުޅޭގޮތުން އަދާލަތު ޕާޓީން އާންމު ކުރި އިންޓަވިއުއެއްގައި ޝައިހް އިލްޔާސް ވިދާޅުވީ މިހާރު ރާއްޖެ މިއޮތް ހާލަތުން އަރައި ގަތުމަށް ހުރިހާ ދީނީ އިލްމުވެރިން އެކަތި ގަނޑަކަށްވެ ނިކުންނަށް ޖެހިފައިވާ ކަމަށެވެ. ޝެއިހް ވިދާޅުވީ މި ރާއްޖޭގައި އަދުލު އިންސާފުގެ މަގުން ހިނގާ ހަމަ އެއްވެސް ކަމެއް ނެތް ކަމަށެވެ.
އަދުލު އިންސާފު ގާއިމް ކުރުމުގެ އެއްވެސް މިންވަރެއް ވެރިކަމުގެ ފަރާތުންނާއި ޝަރުއީ ދާއިރާއިންނާއި މަޖިލީސް ތެރެއިން އަދި އެހެނިހެން މުއައްސަސާތަކުން ފެންނަމުން ނުދާ ކަމަށެވެ. ޝެއިހް އިލްޔާސް ވިދާޅުވީ ވެރިކަމުގައި ތިއްބެވި ފަރާތްތަކުން އިސްލާމް ދީން ކުރި އަރުވާ ހިދުމަތްތަކެއް ނުކޮށްދޭ ކަމަށް ވިދާޅުވާން ބޭނުން ނުވާ ކަމަށާއި އެކަމަކު އޭގެން އެއްވެސް ކަމަކީ އަދުލު އިންސާފާއި ނުލާ ދީނުގައި ބަލައިގެންނަ ކަންކަން ނޫން ކަމަށެވެ.
"އަޅުގަނޑަށް ހަމަ ސީދާ ދަންނަވަން ކެރިދާނެ ޝަރުއީ ދާއިރާގައިވެސް އަދުލު އިންސާފު ނެތްކަން. ވަޒީފާއެއް ދިނަސް ވަޒީފާއިން ވަކި ކުރިޔަސް ބޭ އިންސާފުން ކުރަނީ އެކަމެއް،" ޝެއިޙް އިލްޔާސް ވިދާޅުވި އެވެ.
އެކަން އެންމެ ރަނގަޅަށް ފެނިގެންދަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެއްވެސް އަދުލުވެރިކަމެއް ނެތި ހުކުމްކޮށް ޖަލަށް ލާފައި ހުރުންކަން ޝެއިހު ފާހަގަ ކުރެއްވި އެވެ.
https://twitter.com/AdhaalathOffice/status/975627316951793664
އޭނާ ވިދާޅުވީ އަދުލު އިންސާފު ގާއިމް ކުރުމަށް ގޮވާލުމަކީ ވެރިކަމުގައި ހުންނަ ބޭފުޅެއްގެ އިސްތިއުފާއަށް ގޮވުން ނޫން ކަމަށެވެ. ޝެއިހު ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނޭ ކިޔައިގެން ވާހަކަ ދައްކާއިރު އެންމެންވެސް އަމަލު ކުރަން ބޭނުންވަނީ ޑިމޮކްރަސީއަށް ކަމަށާއި އެހެން ކަމުން ޑިމޮކްރަސީގައި އަދުލު އިންސާފު ގާއިމް ކުރުމަށް އެ ގޮވާލާ ގޮތަށް އެންމެން ނުކުމެ އިންސާފު ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލަން ޖެހޭ ކަމަށެވެ.
އަދި މިކަމުގައި މިހާރު ހުރިހާ ދީނީ އިލްމުވެރިންވެސް އެކަތިގަނޑަކަށްވެ ބައިވެރިވާން ޖެހިފައިވާ ކަމަށާއި އެކަމަށް އިލްމުވެރިންނަށް ގޮވާލާ ކަމަށް ޝެއިހް އިލްޔާސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް