އިބޫ ބަހައްޓާފައި ހުރި ޖަލު ގޮޅި އާއި މެދު އެމްޑިޕީން ހިތްހަމަ ނުޖެހިއްޖެ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ދޫނިދޫ ޖަލުގައި ބަހައްޓާފައި ހުންނެވި ގޮޅިއަކީ އަވިދޭ ގޮޅިއެއް ކަމަށާއި ކޮންމެހެން އިބޫއަށް ބޭނުންވާ އެއްޗެހި އަދިވެސް ފޯރުކޮށް ނުދ...

19 Mar 2018 | 07:08

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ދޫނިދޫ ޖަލުގައި ބަހައްޓާފައި ހުންނެވި ގޮޅިއަކީ އަވިދޭ ގޮޅިއެއް ކަމަށާއި ކޮންމެހެން އިބޫއަށް ބޭނުންވާ އެއްޗެހި އަދިވެސް ފޯރުކޮށް ނުދޭ ކަމަށް އެމްޑިޕީން ބުނެފި އެވެ.

އިބޫ ހައްޔަރު ކުރީ މިދިޔަ  ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި "ހުއްޓުވާ" މުޒާހަރާގެ ތެރެއިންނެވެ. އޭގެ ފަހުން ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިބޫ ހުންނެވީ އަވިދޭ ގޮޅިއެއްގައި ކަމަށެވެ. އަދި އިބޫ އަކީ ދާއިމީކޮށް ހިތުބެ ބައްޔަށް ބޭސްކާ ބޭފުޅަކަށް ވާތީ އެ ބޭސް ފުލުހުންނާއި ހަވާލު ކުރިތާ 24 ގަޑި އިރު ވީއިރުވެސް އިބޫއަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އަންނައުނުވެސް އަދިވެސް އިބޫއަށް ފޯރު ނުކޮށްދޭ ކަމަށެވެ. އެހެންވެ އަދިވެސް ލައިގެން ހުންނެވީ ހައްޔަރު ކުރި އިރު ލައިގެން ހުންނެވި ގަމީހާއި ފަޓުލޫނު ކަމަށެވެ.

"(އިބޫ) ހުންނަވަނީ ވަކިން ހުންނަ ގޮޅިއެއްގަ އެވެ. އެއީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 3:00 ޖަހަންދެން އަވިދޭ ތަނަކަށްވެފައި އެތަނުގައި ހުރި ފަންކާ މަސައްކަތް ނުކުރާތީ ގޮޅި ވަރަށް ހޫނު ގަދަ އެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޕާޓީން ބުނީ އިބޫ އޮށޯންނަން ގޮދަޑިއެއް ދިނުމަށް ދޫނިދޫގައި ހުންނަވާ ޑޮކްޓަރު އެންގެވި ނަމަވެސް ފުލުހުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.

އިބޫއަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ފުންނާބު އުސް ސިޔާސީ އެއް ލީޑަރުކަން ހާމަކޮށް އެ ބަޔާނުގައި ބުނެފައިވަނީ އިބޫ ހައްޔަރު ކޮށްފައިވަނީ ކަނޑައެޅިގެން އިސްލާހީ މަަސައްކަތްތަކަށް ހުރަސް އެޅުމަށް ކަމަށެވެ.

އެމްޑީޕީ އާއި އިދިކޮޅު އެހެން ޕާޓީތަކުން ދަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކާއި މެދު ފުލުހުން އަމަލު ކުރަމުންދަނީ ލާއިންސާނީ ގޮތަކަށް ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް