އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހަށް ބިރުދެއްކި ކަމަށް ބުނެ ހައްޔަރު ކުރި އެމްޑީޕީގެ އެކްޓިވިސްޓު އަލީ ހާޝިމް ދޫކޮށްލައިފި އެވެ.
އޭނާ ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރި "ހުއްޓުވާ" މުޒާހަރާގެ ތެރެއިންނެވެ. ހައްޔަރު ކުރުމަށް ފަހު ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ފަލާހުއަށް ބިރުދި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
ސުމިތު ދޫކޮށްލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވެ. އޭގެ ފަހުން އިއްޔެ އެ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ސުމިތު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި ކަމަށްވެ އެވެ. އެކަމަކު އޭނާ ދޫކޮށްލީ ކީއްވެ ކަމެއް ނޭނގެ އެވެ.
ފަލާހުއަށް ސުމިތު ބިރުދެއްކި ކަމަށް ތުހުމަތު ކުރާއިރު މިމަހުގެ 14 ވަނަ ދުވަހު ރެސްޓޯރެންޓެއްގެ ތެރޭގައި ސުމިތު ފަލާހު އާއި އެކު ނަގާފައިވާ ސެލްފީއެއް ވަނީ ސުމިތު ޓުވިޓާއަށް ލާފައި އެވެ. އަދި އެތަނުގައި ހިނގަމުންދިޔަ ކަންތައްތައް ސުމިތު ލައިވްކޮށް ޓުވިޓާގައި ގެނެސްދީފައިވާއިރު ދެމީހުންގެ ދެމެދުގައި ހިތްހަމަ ނުޖެހިގެން ވާހަކަތަކެއް ދައްކާފައިވާކަން އެނގެ އެވެ.
ސުމިތަކީ ޑރ އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެކަމަކު ހައްޔަރު ކުރިތާ ހަފްތާއެއް ނުވަނީސް އޭނާގެ ބައިވެރިވުމެއް ނުވާކަމަށް ބުނެ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް