އައްޑޫ މަސް ދޯންޏަކަށް ވީނުވީއެއް ނޭނގުނު !

އައްޑޫގައި ދުއްވަމުން އަންނަ ކޮންކޯޑު ނަމަކަށް ކިޔާ މަސް ދޯންޏަކަށް ވީނުވީއެއް ނޭނގުމުން އެ މަސްދޯނީގައި ތިބި މީހުންގެ އާއިލާތަކުން ކަންބޮޑުވެއްޖެ އެވެ. މި މަސްދޯނި ހުއްޓިގެން އެމްއެންޑީއެފުން ރޭގެ ވަ...

19 Mar 2018 | 06:18

އައްޑޫގައި ދުއްވަމުން އަންނަ ކޮންކޯޑު ނަމަކަށް ކިޔާ މަސް ދޯންޏަކަށް ވީނުވީއެއް ނޭނގުމުން އެ މަސްދޯނީގައި ތިބި މީހުންގެ އާއިލާތަކުން ކަންބޮޑުވެއްޖެ އެވެ.

މި މަސްދޯނި ހުއްޓިގެން އެމްއެންޑީއެފުން ރޭގެ ވަގުތެއްގައި އެ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އައްޑޫގައި ހިންގަމުން އަންނަ އޮންލައިން ނޫހެއް ގައި ހަބަރު ޖެހި ނަމަވެސް އެމްއެންޑީއެފުން ބުނީ އެ މައުލޫމާތަކީ އެމްއެންޑީއެފުން ހިއްސާ ކުރި މައުލޫމާތެއް ނޫން ކަމަށެވެ.

"އެކަން މިދަނީ ބަލަމުން، މައުލޫމާތު ލިބުނުހާ އަވަހަކަށް މީޑިއާއަށް ހިއްސާ ކުރާނަން" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވި އެވެ.

އެ ދޯނީގައި ހުރި ފަޅުވެރިއެއްގެ ދަރިއަކު ދުވަހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދޯންޏަކީ އާންމުކޮށް ރޭންޖް ނުލިބޭ ހިސާބަށް މަސްވެރިކަމަށް ދާ ދޯންޏެއް ކަމަށާއި ނަމަވެސް އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިވެދީފި ކަމަށް ބުނިފަހުންވެސް އެތައް އިރެއްވީއިރު ހަބަރެއް ނުވުމުން ކަންބޮޑުވެފައިވާކަމަށް ބުންޏެވެ.

އައްޑޫ ގައި ހިންގަމުން އަންނަ ނޫހެއްގައި އެ ހަބަރު އެގޮތަށް ޖަހާފައި އޮތީ ކޮން މަސްދަރަކުން ލިބުނު މައުލޫމާތެއްގެ މައްޗަށްތޯ ބެލި އިރު އެ މަސްދޯނީގައި ހުރި މީހަކު އޭނާގެ އަންހެނުންނަށް ގުޅާފައި ދޯނީގެ އިންޖީނުގެ މައްސަލަ ދިމާވެފައިވާކަމާއި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު އެމްއެންޑީއެފަށް ގުޅާފައިވާކަމާއި އަދި އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަ ކަމަށް ބުނެފައިވުމުން އެ ނޫހުގެ މަސްދަރަކީ އެއީ ކަމުގައި ބެލެވެ އެވެ. ނަމަވެސް އެމްއެންޑީއެފުން ބުނެފައިވަނީ އެ ދޯނީގެ ހަބަރަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ.

"އެ ނޫހުގަ އެ ހަބަރު ލިޔުނު ކުއްޖާގެ ޅިޔަނެއް ހުންނާނެ އެ ދޯނީގަ، އެ ޅިޔަނު އޭނާގެ އަންހެނުންނަށް ގުޅާފަ އެ މައުލޫމާތު ހިއްސާ ކުރި ކަމަށް ވަނީ، އެހެނަސް އަދިވެސް ބައްޕަގެ ހަބަރެއް ނުވޭ" ދުވަހަށް މައުލޫމާތު ހިއްސާ ކުރަމުން އެ ދޯނީގެ ފަޅުވެރިއެއްގެ ދަރިއަކު ބުންޏެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޮންކޯޑު ދޯނިއާއި އެންމެ ފަހުން ގުޅިފައިވަނީ ރޭ 8:30 ހާއިރު ސެޓްލައިޓް ފޯނު މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް