ރާއްޖޭގެ ބިންތައް 99 އަހަރަށް ވިއްކުމާއި ގުޅޭގޮތުން ގާނޫނު އަސާސީއަށް ގެނައި ބަދަލަށް މެންބަރުން ލައްވާ ވޯޓު ހޯދާފައިވަނީ އޮޅުވާލައިގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
އަމީތު މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ.
އަމީތު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރަނީ ރާއްޖޭގެ ވަކި ތަނެއް ވަކި މީހަކަށް ދިނުމަށް ކަމަށް އޭރު މެންބަރުންނާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެކަން ހިނގީ އެގޮތަށް ކަމަށްވާނަމަ އެއީ އޮޅުވާލުމެއް ކަމަށެވެ.
އަމީތު ވަނީ މީގެ ކުރިންވެސް ބިން ވިއްކުމާއި ދެކޮޅުކަން ހާމަކޮށް ޓުވީޓެއް ކުރައްވާފައި އެވެ.
އަމީތު މިހެން ވިދާޅުވެފައި މިވަނީ ދިގު މުއްދަތަކަށް ރަށްތައް ކުއްޔަން ދިނުމާއި ގުޅޭގޮތުން ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހަކީ ސައުދީ ރަސްގެފާނުގެ ބޭފުޅަކަށް ފ. އަތޮޅުގެ ބައެއް މިލްކުކޮށްދިނުމަށް ދުރާލާ ރޭވިގެން ގެނެވުނު އިސްލާހެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ގެ އަޑު ކަމަށް ބެލޭ އަޑަކުން ވާހަކަ ދައްކާފައިވާ އޯޑިއޯއެއްގައި ބުނެފައިވަނިކޮށެވެ. އެ އޯޑިއޯ ލީކުވެފައިވަނީ ސޯޝަލް މީޑިއާގައި އެވެ.
ނިހާން ވިދާޅުވެފައިވަނީ އެ ނިންމުމަކީ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ސީދާ އެމަނިކުފާނުގެ ނިންމެވުމާއި އެއްގޮތަށް ގެނެވުނު އިސްލާހެއް ކަމަށެވެ. ނިހާނުގެ މި ވާހަކަތަކާއި ގުޅިގެން ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ގާނޫނު އަސާސީއަށް ގެނެވުނު އެބަދަލަކީ އެންމެ މަތީ ދަރަޖައިގަ ގައުމަށް ހިޔާނާތްތެރިވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް