ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ސްވައިން ފްލޫ އާއި ގުޅިގެން ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލްތު ސާވޭލަންސްގެ މަސައްކަތް ވަރުގަދަކޮށްފި އެވެ.
އެ އެއާޕޯޓުގެ އޮފިޝަލުންނާއި ހަވާލާދީ ސްރީލަންކާގެ ނޫހެއް ކަމަށްވާ ސަންޑޭޓައިމްސްގައި ބުނެފައިވަނީ މިދިޔަ ހަފްތާތެރޭގައި ސިއްހީ ހާލަތާ މެދު ޝައްކު ކުރެވޭ 300 ދިވެއްސަކު އެއާޕޯޓުގެ ހެލްތު ޑެސްކަށް ފޮނުވި ކަމަށެވެ. އަދި އޭގެ ތެރެއިން 105 މީހެއްގެ ކިބައިން ސްވައިން ފްލޫގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.
އޮފިޝަލުން ބުނެފައިވަނީ ރާއްޖެ ނޫނަސް މި ދުވަސްވަރު ދެކުނު އޭޝިއާ އަދި އިރު ދެކުނުގެ ގައުމުތަކުގައި ސްވައިން ފްލޫ ފެތުރެމުންދާތީ އެ ސަރަހައްދުތަކުން ލަންކާއަށް އެތެރެވާ މީހުންގެ ސިއްހީ ހާލަތު ދެނެގަންނަމުންދާ ކަމަށެވެ. ލަންކާގައިވެސް ދަނީ ސްވައިން ފްލޫ ފެތުރެމުންނެވެ.
ރާއްޖޭގައި މިހާތަނަށް ސްވައިން ފްލޫ ޖެހިގެން ދެ މީހުން މަރުވެފައިވާއިރު އިއްޔެގެ ނިޔަލަށް 114 މީހަކަށް އެ ބަލި ޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް