ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރު ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިނުން އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން އިއުލާނުކޮށްފި އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވާން ބޭނުންވެވަޑައިގެންނަވާކަން މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް އަންގަވާފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ދުވަހުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް އިދިކޮޅުން ކިޔަން ބޭނުން ކޮންމެ އެއްޗެސް ކިޔުމުގެ ފުރުސަތު ދެވޭތޯ ރިޔާސަތުން މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ މެންބަރުން ވެސް މައިނޯރިޓީ ލީޑަރު ދެއްވާ ޖަވާބު އަޑުއައްސަވަން މަދުމަޑުން ތިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އެއީ މައިނޯރިޓީ ލީޑަރުގެ ދުވަސް. އެބޭފުޅާ ދިވެހި ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނަށް ކިޔުއްވާނެ އެއްޗެއް ކިއުއްވަން މި މަޖިލިސް އަޅުގަނޑު ހުޅުވާލާނެ ދުވަސް. އެއްގޮތަކީ އެމްޑީޕީގެ 65 މެންބަރުންގެ ނަން އިއްވާފައި ބައިތިއްބާފައި އެ ބަޔާން އިއްވާނެ ގޮތެއް ހޯދުން. ނޫނިއްޔާ ހުރިހާ ފަރާތަކުން އަދި ބަޔާން އިއްވާ ފަރާތުންވެސް ވާދަވެރި ފަރާތްކަމަށް ވީނަމަވެސް އެބަޔާނަކީ ވަކި ތަޖުވީދަކަށް އޮންނަ ބަޔާނެއްގެ ގޮތުގައި އަޅުގަނޑު އުއްމީދުކުރާނަން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ބުދަ ދުވަހު އިދިކޮޅު ފަރާތްތަކުން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީ ނޫން ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވެފައިވާކަން ދޭހަވާގޮތަށް ރައީސް މުހައްމަދު ނަޝީދު އެ ދުވަހު ވާހަކަފުޅުދެއްކެވި އެވެ.
ސަލީމް މައިނޯރިޓި ލީޑަރުގެ ގޮތުގައި ހަމަޖެހިގެން ދިޔައީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މުހައްމަދު އަބްދުއް ލަތީފު ޕީޕީއެމްއަށް ސޮއި ކުރެއްވުމުންނެވެ. އޭގެ ކުރިން ޕީޕީއެމްއާ ޖޭޕީގަ ތިއްބެވީ5 މެންބަރުންނެވެ.
މަޖިލީހުގައި މެންބަރުން ތިއްބެވި ޕާޓީތަކަށް ބަލާއިރު އެމްޑީޕީގަ65 މެންބަރުން، ޕީޕީއެމްގަ ހަ މެންބަރުން، ޖޭޕީގަ ފަސް މެންބަރުން، ޕީއެންސީގައި ތިން މެންބަރުން އެމްޑީއޭގަ ދެ މެންބަރުން، ޑީއާރުޕީގަ މެންބަރަކު އަދި އަމިއްލަ ތިން މެންބަރުން އެބަތިއްބެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް