ކުޑަކުއްޖާގެ މަންމައާ ބައްޕައަށް އިހުމާލުވި ކަމުގެ ދައުވާ ކުރަން ފޮނުވައިފި

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ ކުއްޖާއަށް ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރާކަން އެނގިހުރެ އެކަން ކަމާ ބެހޭ ފަރާތްތަކަށް ނޭންގި މައްސަލައިގަ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ދައުވާކޮށް...

19 Feb 2020 | 06:07

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ ކުއްޖާއަށް ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރާކަން އެނގިހުރެ އެކަން ކަމާ ބެހޭ ފަރާތްތަކަށް ނޭންގި މައްސަލައިގަ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ16 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލައިގަ އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް އެ ކުއްޖާ ރޭޕްކުރި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި މިދިޔަ ހަފްތާގައި ޕީޖީ އޮފީހުން ވަނީ އުފުލާފަ އެވެ.

މި މައްސަލައިގަ މުނިކާފަ އާއި ކާފަ އަދި ބައްޕަވެސް ހައްޔަރު ކުރި އެވެ. ފުލުހުން ބުނީ ކުއްޖާގެ ބައްޕަގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައި، އެ އޮފީހާ މަޝްވަރާ ކުރުމަށް ފަހު މިމަހުގެ17 ވަނަ ދުވަހު ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އެ ކުއްޖާގެ ބައްޕަ ހައްޔަރު ކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. މުނިކާފަ އާއި ކާފަ ހައްޔަރު ކުރީ17 ވަނަ ދުވަހު އެވެ. ކުއްޖާގެ މަންމަ ހައްޔަރެއް ނުކުރެ އެވެ. އެ ދެމަފިރިންނަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ ދެމީހުންނެވެ.

ކުއްޖާގެ ބައްޕަ ދޫކޮށްލުމުން ގިނަ ބަޔަކު ދާނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް