ޕާކިސްތާނުގެ ޕޯލިއޯ ވެކްސިން ކެމްޕެއިންއާ ދެކޮޅަށް ތޯލިބާނުން ބޮމުގެ ހަމަލާ ދެނީ

ޕާކިސްތާނު ސަރުކާރުން އެ ގައުމުން ޕޯލިއޯ ނައްތާލަން އިއްޔެ ފެށި ގައުމީ ވެކްސިން ދިނުމުގެ ޕްރޮގްރާމާ ދެކޮޅަށް ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ބޮމުގެ ހަމަލާ ދޭން ފަށައިފި އެވެ. އެ ޕްރޮގްރާމް އިއުލ...

19 Feb 2020 | 04:19

ޕާކިސްތާނު ސަރުކާރުން އެ ގައުމުން ޕޯލިއޯ ނައްތާލަން އިއްޔެ ފެށި ގައުމީ ވެކްސިން ދިނުމުގެ ޕްރޮގްރާމާ ދެކޮޅަށް ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ބޮމުގެ ހަމަލާ ދޭން ފަށައިފި އެވެ.

އެ ޕްރޮގްރާމް އިއުލާނު ކުރުމާއި އެކު އެގައުމުގައި ހަރަކާތްތެރިވާ އިސްލާމީ ހަރުކަށި ޖަމާއަތްތަކުގެ ތެރެއިން ތޯލިބާނުން ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކާފަ އެވެ. އަދި މިދިޔަ އަހަރު ޕޯލިއޯއާ ދެކޮޅަށް ކުރިޔަށް ގެންދިޔަ ކެމްޕެއިނަކަށް އެޖަމާއަތުން ހަމަލާދީފަވެ އެވެ.

އިއްޔެ ކެމްޕެއިން ފެށުމަށް ފަހު ދެކުނުގެ ސިޓީއެއްގެ މަގުމަތީގައި ކޭމްޕު ޖަހައިގެން ވެކްސިން ދޭން ތިބި ގްރޫޕަކަށް ހަމަލާ ދީފައިވަނީ އެ ސަރަހައްދުގައި ގޮވާއެއްޗެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި އެ ގްރޫޕަށް ސެކިއުރިޓީ ދެމުންދިޔަ ފުލުހުންގެ ވެރިއަކަށް ހުރި މީހާ މަރުވެފައިވާއިރު ދެ މީހަކު ޒަހަމްވި އެވެ.

މިހާދިސާއަށް ފަހު ކެމްޕެއިން އޮތީ ކޮންމެސް ވަރަކަށް މަޑުޖެހިފަ އެވެ.

ޕާކިސްތާނަކީ ޕޯލިއޯގެ ނުރައްކާތެރިކަން ބޮޑު ގައުމެކެވެ. ދެން އެ ލިސްޓުގައި ހިމެނެނީ އަފްގާނިސްތާނާއި ނައިޖީރިއާ އެވެ.

މިއަހަރުގެ މިހާތަނަށް ޕާކިސްތާނުން ޕޯލިއޯ ޖެހިގެން17 ކޭސްއެއް ރިޕޯޓުކޮށްފައިވާއިރު މިދިޔަ އަހަރު144 މީހަކު ޕޯލިއޯ ޖެހިގެން ރިޕޯޓުކޮށްފައި ވެއެވެ. ޕާކިސްތާން ސަރުކާރުން ބުނީ ޕޯލިއޯ ޖެހިފައިވާ އެކަމަކު ރިޕޯޓު ނުކުރާ އެތައް ހާސް ބަޔަކު ތިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހެންވެ އިއްޔެ ފެށި ގައުމީ ޕޯލިއޯ ނައްތާލުމުގެ ކެމްޕެއިންގަ އެ ގައުމުގެ39 މިލިއަން ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ހަމަޖެހިފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް