"އަންހެނެއްގެ ދިރިއުޅުން ހަލާއްކުކޮށްލަނީ ހަމަ އަންހެނެކޭ" އެއީ ވަރަށް ގިނައިން އިވޭ ވާހަކައެކެވެ. މިހާ ކިހާ ތެދެއްހުރި ބަހެއްކަން އެނގޭނީ މިފަދަ ކަމެއް ދިމާވެފައި ހުރި މީހަކަށެވެ. ކަމެއް ދިމާވުމުން އަންހެނަކަށް ކުރެވޭނެ އިހުސާސްތައް އެންމެ ރަނގަޅަށް އިނގޭނީ އެހެން އަންހެނަކަށެވެ. ވީމާ އެހެން އަންހެނެއްގެ ހިތުގައި ޖައްސާ ދެރަކޮށްލުމަކީ ކިހާވަރެއްގެ ކަމެއްކަން ވިސްނެންވާނެއެވެ. ނަމަވެސް މިދުނިޔޭގައި ކަންތައްވަނީ މިހެންބާއެވެ؟
ކައިވެންޏެއްކޮށް ލޯބިން އުޅޭ ދެމަފިރިއެއްގެ ދެމެދަށް ފިރިހެނެއް ވަނުމަށްވުރެ ގާތީ އަންހެނެއް އެދެމަފިރިންގެ ދެމެދަށް ވަނުމެވެ. މިކަން މިގޮތަށް ދިމާވެދާނެ ކިތަންމެ ސަބަބެއް އެބައޮތެވެ. ފިރިމީހާއަކީ މާ ފަސޭހައިން އެހެން އަންހެނުންނަށް ހެއްލޭ މީހަކަށް ވުމަކީ އެކަށީގެންވާ ކަމެވެ. ނަމަވެސް ވިސްނަންވީ އެއީ މީހެއްގެ ފިރިއެއްކަން އެނގޭ އިރު އެމީހާ ހެއްލުމަށް ނުވަތަ އެމީހާއާއި ލޯބީގެ ގުޅުމެއް އުފެއްދުމަށް މަސައްކަތް ކުރުމަކީވެސް އަދި އެފަދަ ގުޅުމެއް އުފެދުމަށް ފުރުސަތު ދިނުމަކީވެސް ތިމާގެ ފަރާތުން އަނެއް އަންހެންމީހައަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަމެވެ. ތިމާ ހިތާވެގެން ނުވަތަ ހިތާވާން އުޅޭ ފިރިހެނާއަކީ މީހެއްގެ ފިރިއެއްކަން އެނގޭ ހިސާބުން އެންމެ ރަނގަޅުގޮތަކީ އެމީހަކާ ދުރުވުމެވެ. ނޫންނަމަ ތި ހަލާއްކުކޮށްލެވެނީ ހަމަ ތިމާކަހަލަ އެހެން އަންހެނެއްގެ ދިރިއުޅުމެވެ. ތިމާގެ ދިރިއުޅުން އެފަދައިން ބޮއްސުންލައިގެން ދާކަށް ހަމަގައިމުވެސް ތިމާއެއް ނޭދޭނެއެވެ. ވީމާ އެހެންމީހަކަށް އެހާލު ޖެއްސުމަކީ އިންސާފެއް ހެއްޔެވެ؟ ރަހުމެއް ހެއްޔެވެ؟
ކައިވެންޏެއްކޮށް ލޯބިން އުޅޭ ދެމަފިރިއެއް ދެމެދަށް ހިލޭ އަންހެނެއްގެ ނުފޫޒު ނުފޯރާނަމަ އާއިލާގެ މެންބަރުންގެ ނުފޫޒުވެސް ފޯރައެވެ. މައިދައިތަ ނުވަތަ ފިރިމީހާގެ އަންހެން ކޮއްކޮ/ ގިނަފަހަރު ދައްތަގެ ނުފޫޒެވެ. ސަބަބަކަށް ގިނަފަހަރުވެފައި އޮންނަނީ އެމީހުން ބޭނުންވާހާ ގޮތަކަށް އަންހެންކުއްޖާގެ ކަންތައްތައް ނުހުރުމެވެ. އެމީހުން ހިތްއެދޭ ގޮތަކަށް އަންހެންކުއްޖާއަށް އެއްވެސް ކަމެއް ނުކުރެވުމެވެ. އެމީހުންގެ ޤަވައިދުތަކާއި ޤާނޫނުތަކަށް އަންހެން ކުއްޖާ ބޯލަނބަން ޖެހުމެވެ. ނޫނީ އެމީހުން އަސްލުބޭނުންވި ގޮއްޔެ ނޫން އެހެން ކުއްޖެއް އަންބެއްގެ ގޮތުގައި ގެއަށް ގެނައުމެވެ. ނޫނީ އެމީހުންގެ ނޯކަރަކަށް އަންހެންކުއްޖާ ނުވުމެވެ. މިފަދަ އެތައް އެތައް ސަބަބުތަކެއް އޮވެދާނެއެވެ. ނަމަވެސް ފަހަރިންނާއި މައިދައިތަމެން ވިސްނާލަންވީ ތިމާގެ ކޮއްކޮ/ބޭބެ ނުވަތަ ދަރިފުޅު އެއަންހެނަކާއި ކައިވެނިކޮށްގެން އުފަލުގައި އުޅޭނަމަ، އެދިރިއުޅުމުގައި މައްސަލަ ނުޖައްސާވޭތޯއެވެ. އެމީހުން އެއުޅެނީ ހަމަޖެހިގެންނެވެ. ދަރިފުޅު ނުވަތަ ބޭބެ އުޅޭނީ ހިތްހަމަޖެހިގެންނެވެ. އުފަލުގައެވެ. އެއީ އޭނާގެ ހަޔާތެވެ. ތިމާމެންގެ ހަޔާތެއް ނޫނެވެ. އޭނާގެ ހަޔާތް ހަލާއްކުކޮށްނުލާށެވެ. ދެން ވިސްނާލަންވީ އެއަންހެންކުއްޖާ މައިންބަފައިން ގޭގައި އެމީހުންގެ ހިޔާ ދަށުގައި އުޅެފައި އެއަންނަނީ އެކަނިމާއެކަނި ނުވެސް ދަންނަ ބައެއް ގާތުގައި މުޅި އުމުރު ހޭދަކުރާށެވެ. އޭނާ ބާކީކޮށްލުމުން ކިހާ އެކަނިވެރިވާނެހެއްޔެވެ؟ ކިހާ ހިތްދަތިވާނެ ހެއްޔެވެ؟ އޭނާގެ މުޅި ދިރިއުޅުން ހޭދަކޮށްލާނީ ތިމާގެ އާއިލާގެ ހަސަބާއި ނަސަބު ދެމެހެއްޓުމަށެވެ.
އަންހެނަކަށްވެ ހުރެ ޤަބޫލުކުރަންވީ އަހަރުމެން އެކަކުވެސް އަމިއްލަ ދިރިއުޅުމަށް އެއްވެސް ގޮންޖެހުމެއް ނުވަތަ ހީނަރުކަމެއް ބޭނުން ނުވާނޭކަމެވެ. ތިމާއާއި ތިމާގެ ފިރިމީހާއާއި ދެމެދަށް އެއްވެސް އަންހެނެއް ވަންނަން ބޭނުންނުވާކަމެވެ. ތިމާގެ މައިދައިތަ ނުވަތަ ފަހަރި ތިމާއާއި ދިމާލަށް އެއްޗެހިގޮވާ ފިރިމީހާއާއި ދޭތެރޭ މައްސަލަ ޖައްސަން ބޭނުންނުވާކަމެވެ. ވީމާ އެހެން އަންހެނަކަށް އެފަދަގޮތަށް މެދުވެރިވާނޭ ގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމަކީ ހަމަޖެހޭކަމެއް ހެއްޔެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް