މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް، އަބްދުﷲ އަޝްރަފް، އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލައިގައި ގަވަރުނަރު އަހުމަދު ނަސީރު މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަސީރު، ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްދޭން އީވާ ހުށަހެޅުއްވީ ދެ މައްސަލައަކާ ގުޅުވަ އެވެ.
އީވާގެ ސިޓީގައި ވިދާޅުވީ އަޝްރަފް މަގާމުން ވަކިކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެސްކްރޯ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުގެ މައްސަލައެއް އެފްއައިޔޫ އިން އެ ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ. އޭގެ އިތުރުން އަޝްރަފް ވަކިކުރީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޔާމީން ހަރަދު ކުރެއްވި ގޮތާ ގުޅޭ މައްސަލައެއް އެފްއައިޔޫ އިން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް ކަން ވެސް އީވާ ފާހަގަކުރެއްވި އެވެ.
އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ އެތެރޭގައި އުފައްދާފައ އޮންނަ ޔުނިޓެކެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އަކީ އެފްއައިޔޫ އެވެ.
އެ ޔުނިޓްގެ އިސްވެރިޔާ ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ ގަވަރުނަރެވެ. އަޝްރަފްގެ ކުރިން އެ މަގާމުގައި ހުންނެވީ އިބްރާހިމް އާތިފް ޝަކޫރެވެ. އޭނާ 2015 ގައި އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރިން ހިންގަމުންދާ ކަމަށް އެފްއައިޔޫން އެކުލަވައިލި ރިޕޯޓުން ފާހަގަވެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް