މިނިސްޓަރ މާރިއާ އަށް ފުރިހަމަ އިތުބާރު އެބައޮތް: އެމްޑީޕީ

މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕީ.ޕީ.އެމް.ގެ ފަރާތުން ކުރަމުންދާ މަސައްކަތް ، އެ...

19 Feb 2019 | 07:14

މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕީ.ޕީ.އެމް.ގެ ފަރާތުން ކުރަމުންދާ މަސައްކަތް ، އެމްޑީޕީގެ ފަރާތުން އެންމެ ހަރު އަޑުން ކުށްވެރި ކޮށްފިއެވެ.

އެމްޑީޕީގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ނެތްއިރު ޕީޕީއެމް އިން އެފަދަ ކަމެއް ކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މާރިޔާ އަޙްމަދު ދީދީ މިނިސްޓަރ އޮފް ޑިފެންސްކަމުގެ މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެކަމަނާ އެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރައްވާފައިވަނީ ތަޢުރީފު ޙައްޤުވާ މިންވަރަކަށް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓަވައި، ދިވެހި ސިފައިންގެ ގަދަރާއި ޝަރަފު އުފުއްލަވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓެވުމުގެ ހަރުދަނާ މަސައްކަތްޕުޅުތައް އެކަމަނާ ކުރައްވާފައިވަނީ ފާހަކުރަންޖެހޭ މިންވަރަކަށް ކަމަށެވެ.

އެމްޑީޕީގެ ފުރިހަމަ އިތުބާރު މިނިސްޓަރ މާރިޔާއަށް އެބައޮތް ކަމަށްވެސް ބުނެފަވެއެވެ. އަދި އެމް.ޑީ.ޕީ. އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އެކަމަނާގެ އިތުބާރު އޮތްކަމަށް ވޯޓުދެއްވާނެ ކަމަށާއި،އަދި ރައްޔިތުންގެ މަޖިލީހުގެ އެހެން ޕާރޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް އެކަމަނާގެ އިތުބާރު އޮތްކަމަށް ވޯޓް ދެއްވާނޭކަން ޔަޤީން ކަމަށް އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް