ފާޑު ކިޔުންތަކަށް ތަރުހީބު ދޭނަމަ ފަނޑިޔާރުގޭ އިސްލާހުކުރަން ފަސޭހަވާނެ:ރައީސް

ރާއްޖޭގެ ފަނޑިޔާރުގެއަށް އަމާޒުވާ ފާޑުކިއުންތަކަށް، ތަރުޙީބުދޭނަމަ ފަނޑިޔާރުގެ އިޞްލާހުކުރުމަށް ފަސޭހަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން...

19 Feb 2019 | 05:42

ރާއްޖޭގެ ފަނޑިޔާރުގެއަށް އަމާޒުވާ ފާޑުކިއުންތަކަށް، ތަރުޙީބުދޭނަމަ ފަނޑިޔާރުގެ އިޞްލާހުކުރުމަށް ފަސޭހަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޤަޟާޢީ އަހަރު 2019 އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްވަމުންނެވެ.

ޤަޟާޢީ އަހަރު 2019 އިފްތިތާޙްކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅު ފެށްޓެވީ، މިނިވަން ފަނޑިޔާރުގެއެއް ޤާއިމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މިނިވަން ފަނޑިޔާރުގެއެއް ހުރުމަކީ ޒަމާނީ ޑިމޮކްރެސީ އޭގެމައްޗަށް ބިނާވެފައިވާ އެންމެ މުހިންމު ރުކުނެއްކަމަށެވެ. ޑިމޮކްރެސީއެއްގެ އަމާޒަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭފަދަ ހެޔޮ ވެރިކަމެއް ކޮށްދިނުންކަން ތަކުރާރުކުރައްވައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހެޔޮ ވެރިކަމެއްގެ ބޭނުމަކީ އެއްވެސް އިސްތިސްނާއެއް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްމެ އެމީހެއްގެ ޙައްޤުތައް ލިބިދިނުންކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ އެ އުންމީދު ހާސިލް ކުރުމަށް އެންމެ މުހިންމު ކަމަކީ ފަނޑިޔާރު ގޭގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުން ކަމަށެވެ. އޭގެ އިތުރުން ނަޒާހާތްތެރި ފަނޑިޔާރު ގެއެއް ގާއިމް ކުރުމަށް، އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ތިބެ އިންސާފުން ޝަރީއަތް ކުރެވޭނެ މާހައުލެއް ފަނޑިޔާރުންނަށް ގާއިމްކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ޝަރީއަތްތައް ބާއްވަންވާނީ ވީހާވެސް ބޮޑަކަށް އާންމުކޮށް ހުޅުވާލެވިގެން، ހާމަކަމާއެކު އަޑުއެހުންތައް ބާއްވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ކަމަކީ ފަނޑިޔާރުންގެ އިހުތިޔާރަށް ދޫކޮށްލާފައިވާ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނު އަސާސީގައި ސާފު ބަހުން ބުނެފައި އޮންނަ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ޤާނޫނުއަސާސީ އެކުލަވާލާފައިވަނީ ދައުލަތުގެ ތިން ބާރުވެސް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭ ގޮތަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފަނޑިޔާރުންނަކީވެސް ޤާނޫނުއަސާސީގެ އިމުގެތެރެއިން ޖަވާބުދާރީކުރެވެންޖެހޭނެ ބައެއްކަމަށެވެ.

ރައީސް ވިދާޅުވީ ބިނާކުރަނިވި ފާޑުކިޔުމަށް ތަރުހީބު ދިނުމަކީ ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވުމުގެ އެއް އުސޫލު ކަމަށެވެ. އެހެންކަމުން ފަނޑިޔާރު ގެއަކީ ވެސް ބިނާކުރަނިވި ފާޑުކިޔުމަށް ތަރުހީބުދޭ ތާކަށް ވާންޖެހޭ ކަމަށާއި، އޭރުން މިސްރާބު ސީދާކުރަން ވަރަށް ފަސޭހަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް