މިހާރު ރާއްޖޭގައި އުފެދިފައިވާ ގާނޫނީ އަދި ދުސްތޫރީ ކާރިސާއިން ގައުމު އަރައިގަތުމަށް ނިޔަތް އިސްކޮށް ރައްޔިތުންގެ މަޖިލީހުގެ ހަމަ ކޮންމެ މެމްބަރެއްގެ ދާއިރާގެ ރައްޔިތުންގެ ހައްގުތަކަށް ހުރިމަތްތެރިކޮށް ހިތާ، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް އެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރެވޭނެގޮތަށް ކަންކަން ހަމަޖެއްސުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ދައުލަތަށް ގޮވާލައިފި އެވެ.
ޓްރާންސްޕޭރެންސީން މިކަމަށް ގޮވާލާފައިވަނީ އެ ޖަމިއްޔާއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން 2018 ފެބްރުއަރީ 1 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެެ ގޮނޑިއާގުޅޭގޮތުން ކުރި ހުކުމް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފެށުމަށް ތައްޔާރުވެ، އެ 12 މެމްބަރުންނަކީވެސް މަޖިލީހުގެ މެމްބަރުންކަމުގައި ކަނޑައަޅާ މަޖިލީހުން މާދަމާގެ ޖަލްސާގެ ނޯޓިސްވެސް ފޮނުވާފައިވަނިކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މަޖިލީހުން ފަސްކުރުމަށް ނިންމި ނިންމުމަކީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މި ހުކުމުގެ ސަބަބުން އެ 12 މެމްބަރުންގެ ހައްގުތަކުގެ އިތުރުން، އެ މެމްބަރުން ތަމްސީލުކުރާ ދާއިރާތަކުގެ އެތައް ހާސް ރައްޔިތުންނެއްގެ ހައްގުތަކަށްވެސްް އިހުމާލުވެވޭކަމުގައި މި ޖަމިއްޔާއިން ގަބޫލުކުރަމެވެ. އަދި މިކަމުގެ ސަބަބުން ގާނޫނީގޮތުން ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި، ކަންކަން އިތުރަށް ހައްސާސްވެގެން ދިއުމުގެ ފުރުސަތު އޮތްކަމުގައިވެސް މިޖަމިއްޔާއިން ދެކެމެވެ." އެ ނޫސްބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ތިންބާރު ވަކިކޮށްފައިވާ މި ދިމިކްރާތީ ނިޒާމުގެ މައްޗަށް، ދައުލަތުގެ އެއްބާރު އަނެއްބާރުގެ ނުފޫޒު ފޯރުވަމުންދިޔުމުގެ ސަބަބުން ގެއްލިފައިވާ އިތުބާރު އަނބުރާ ކަށަވަރު ކުރުމަށްޓަކައި، ކަންކަން ނިންމުމުގައި ސިޔާސީ ތައައްސުބުން ދުރުވެ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އިސްކަން ދިނުމަށް އެ ޖަމިއްޔާއިން ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް