މަޖިލިސް ޖަލްސާ 11:00 އަށް ފަސް ކޮށްފި

ދައުރުން ބޭރުގައި މިއަދު ބާއްވަން ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ މިއަދު 11:00 އަށް ފަސް ކޮށްފި އެވެ. ކުރިން މި ޖަލްސާ ބާއްވަން ނިންމާފައި އޮތީ ހެނދުނު 09:00ގައި އެވެ. މެމްބަރުންނަށް ...

19 Feb 2018 | 03:45

ދައުރުން ބޭރުގައި މިއަދު ބާއްވަން ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ މިއަދު 11:00 އަށް ފަސް ކޮށްފި އެވެ.

ކުރިން މި ޖަލްސާ ބާއްވަން ނިންމާފައި އޮތީ ހެނދުނު 09:00ގައި އެވެ. މެމްބަރުންނަށް އިއްޔެ މެސެޖު ކޮށްފައިވަނީވެސް އެ ގަޑީގައި އޮންނާނެ ކަމަށެވެ.

ނަމަވެސް މާދަމާގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓްގައި އަޕްލޯޑް ކޮށްފައިވާއިރު ބުނެފައިވަނީ މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:00ގައި ކަމަށެވެ.

އެޖެންޑާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ދަށުން ބުނެފައިވަނީ މާދަމާގެ ޖަލްސާގައި އޮންނާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ނަންބަރު 3/2018) ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު) އާއި، މި ޤަރާރަށް އިޞްލާޙު ގެންނަވައި ނެރުއްވާފައިވާ ޤަރާރު ނަންބަރު 4/2018) ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2018 އިޞްލާޙުކުރުން) އަދި ޤަރާރު ނަންބަރު 5/2018) ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2018 އިޞްލާޙުކުރުން) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، އެ ޤަރާރާ ގުޅިގެން 18 ފެބުރުވަރީ 2018 ގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް