ބޮލީވުޑްގެ އެކްޓްރެސްގެ ތެރެއިން އެތަރިއެއް ގާތު ކައިވެނީގެ ވާހަކަ އެންމެ ގިނައިން މީޑިއާއިން އަހާ އަންހެންތަރި އަކީ ތާބޫ އޭ ބުނެފި ނަމަ އެއީ ދޮގަކަށް ނުވާނެއެވެ. އުމުރުން 46 އަހަރުގެ ތާބޫ މީހަކާ ނީންދެ ސިންގަލްކޮށް ހުރުމުގެ ޒިންމާ ނަގަންޖެހެނީ ތާބޫގެ ގާތް ރަހުމަތްތެރިއެއްކަމަށްވާ އަދި ބޮލީވުޑްގެ އެކްޓަރ އަޖޭ ދޭވްގަންކަމަށް ތާބޫ ބުނާބުނުން ދާދިފަހުންވެސް ވަނީ ތަކުރާރުކޮށްފައެވެ.
ތާބޫ ބުނީ އަޖޭއާއި ތާބޫގެ އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަށް މިހާރު ވިހިއަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި އަޖޭއަކީ ތާބޫގެ ދެބެންގެ ދެދަރިކުއްޖެއްކަމަށްވާ ސަމީރުގެ އަވަށްޓެރިއެއްކަމަށާއި އަދި އޭނާގެ ގާތް ރަހުމަތްތެރިއެއްކަމުގައެވެ. ތާބޫ ބުނީ އޭނާ ކުޑައިރު ސަމީރު އާއި އަޖޭ އާ ދެމީހުން ތާބޫއަށް ވަރަށް ފާރަލާނެކަމަށާއި އޭނާއާއެކު ފިރިހެން ކުއްޖެއް ފެނިއްޖެނަމަ އެދެމީހުން ވެގެން އެމީހެއްގެ ގައިގައި ތަޅައިގަންނާނެކަމުގައެވެ. އެދެމީހުން ވަރަށް އޭނާއަށް ހަނގާކޮށް ހަދާކަމަށާއި އެކަމާ އޭނާ ވަރަށް ރުޅިއަންނަކަމަށް ތާބޫ ވަނީ ބުނެފައެވެ. އަދި ތާބޫ ސިންގަލްކޮށް ހުރުމުގެ ޒިންމާ ނަގަންޖެހޭނީ އެމީހުންކަމަށް ވަނީ ބުނެފައެވެ.
1980 ގެ އަހަރުތަކުން ފެށިގެން ބޮލީވުޑްގެ ފިލްމުތަކުން ތާބޫ ފެންނަމުންދާއިރު މިފަހަކަށް އައިސް ތާބޫ ފެންނަނީ ވަރަށް ވަރުގަދަ ރޯލްތައް ކުޅޭތަނެވެ. ތާބޫ ބުނެފައިވަނީ މިހާރު އޭނާ ފިލްމަކަށް އާއެކޭ ބުނާއިރު ވަރަށް ގިނަ ކަންކަމަށް ބަލާކަމުގައެވެ. އެގޮތުން ސްކްރިޕްޓްގައި ބުނާ ވާހަކަތައް ބެލުންތެރިންނާ ހަމައަށް ގެންނަގޮތް އޭނާ ވަރަށް ބޮޑަށް ބަލާކަމަށް ވަނީ ބުނެފައެވެ. ދާއިރާގައި ގިނަ ދުވަސްވީ އެކްޓްރެސްއަކާ ބަލާފައި ތާބޫ މިހާރުވެސް އަންނަނީ އޭނާ ކުޅޭ ރޯލްތަކުން އާންމުންގެ ތަރުޚީބު ހޯދަމުންނެވެ. އެންމެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި ގޯލްމާލް އެގެއިން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް