އިޒްރޭލުގައި މުއާސަލާތީ ކުންފުންޏަކަށް ނިސްބަތްވާ ބަޔަކު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާއިރު ކޮރަޕްޝަންގެ އެ މައްސަލައަކީ ބޮޑުވަޒީރު ބުންޔަމީން ނަތަންޔާހޫ އާއި ގުޅުން ހުރި ބޮޑު މައްސަލައެއް ކަމުގައި މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ހައްޔަރު ކޮށްފައިވަނީ އިޒްރޭލުގެ މުއާސަލާތީ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ބެޒޭކް ގެ އިސް އޮފިޝަލުން ތަކެކެވެ.
ހައްޔަރު ކޮށްފައިވާ ފަރާތްތަކުން ހަމަ އެކަނި ހާމަކޮށްފައިވާ މައުލޫމާތަކީ އެ ބަޔަކު ހައްޔަރު ކުރެވިފައިވަނީ އެ ގައުމުގެ ސެކިއުރިޓީ އޮތޯރިޓީ އާއި ގުޅިގެން ކުރިއަށްގެންދާ ތަހުގީގެއްގައި ބަޔަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
ނަމަވެސް މީޑިއާތަކުން ހާމަކޮށްފައިވާގޮތުގައި ބެޒޭކްގެ އިސް ވެރިން ތަކެއް ހައްޔަރު ކޮށްފައިވަނީ ބެޒޭކް އާއި ގުޅުން އޮންނަ މީޑިއާއެއް ކަމުގައިވާ ވައްލަ މީޑިއާގައި ނަތަންޔާހޫ އަށް ތާއީދުކޮށް ލިޔާ ކޮންމެ ލިޔުމަކަށް ބެޒޭކްގެ ވެރިންނަށް ބޮޑެތި އަދަދު ތަކުން ފައިސާ ލިބެމުންދިޔަ ކަމުގެ ތުހުމަތެވެ.
މި މައްސަލައިގާ ބަޔަކު ހައްޔަރު ކޮށްފައިވާއިރު ނަތަންޔާހޫ އާއި ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުން އަންނަ ކަމުގައި އެ ގައުމުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެ ތުހުމަތު ތަކަށް ނަތަންޔާހޫ އިންކާރު ކުރެއެވެ. އޭނާ ބުނެފައިވަނީ އެއީ ސިޔާސީ ގޮތުން ކުރާ ތުހުމަތު ތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް