މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސް ވަޒީފާ އަދާ ނުކުރެވޭނެ ކަމަށް ބުނެ ވަޒީފާއިން ވަކި ކުރި އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރަށް އެ ރަށު ކައުންސިލާއި ބެލެނިވެރިން ހިންގާ ޕްރީ ސްކޫލުން ވަޒީފާ ހަމަޖެހިއްޖެ އެވެ.
މޫނު ބުރުގާ އަޅާތީ މިދިޔަ ޖެނުއަރީ މަހު ވަޒީފާއިން ވަކި ކުރީ އއ އަތޮޅު ތައުލީމީ މަރުކަޒުގެ ގުރުއާން ޓީޗަރު ތަހުމީނާ މުހައްމަދެވެ.
ރަސްދޫ ކައުސިންލުން މައުލޫމަތުދޭގޮތުގައި ތަހުމީނާއަށް އެ ރަށު ޕްރީސްކޫލުން ވަޒީފާ ހަމަޖެހި، މިދިޔަ ހަފްތާގައި ވަޒީފާއަށް ނިކުންނަން ފަށާފައިވާ ކަމަށެވެ. އަދި ޕްރީސްކޫލްގައި ވެސް އޭނާ ކިޔަވައިދޭނީ ގުރުއާން ކަމަށް މައުލޫމާތު ދެ އެވެ.
ތަހުމީނާ ވަޒީފާއިން ވަކި ކުރީ "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް" ބަޔާން ކުރާ ގަވާއިދުގެ ދަށުން، މަސައްކަތުގެ މާހައުލުގައި އުޅޭއިރު މޫނު ނިވާ ނުކޮށް އުޅުމަށް ނަސޭހަތް ދިނުމަށްފަހު، އެގޮތަށް އަމަލު ނުކުރުމުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. ހަމައެގޮތަށް އއ. މަތިވެރީ ޓީޗަރަކަށްވެސް ވަނީ ނަސޭހަތް ދިނުމަށް ފަހު ގަވައިދަށް ހެދުން އަޅައިގެން ސްކޫލަށް ނުކުތުމަށް އަންގާފައި އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުން މޫނު ބުރުގާ އެޅުމަކީ މަނާކަމެއް ކަމަށް ކަނޑައެޅުމަށް ސިވިލް ސާވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާ ބާތިލްކުރުމަށް ގާނޫނީ ވަކީލުންތަކަކާއި ދީނީ އިލްމުވެރިންތަކެއް ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
އަދި ސިވިލް ސާވިސް ގަވައިދުގައި އެގޮތަށް ބަޔާންކޮށްފައިވާތީ ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފުން ވަނީ އެމައްސަލައިގަ އިހުތިޖާޖު ކޮށްދިނުމަށް އެދި އެމްޑީޕީއަށް ސިޓީއެއް ފޮނުވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް