ހުޅުމާލޭ މުޒާހަރާގައި ފުލުހުން އަންހެނެއްގެ އަނގަމަތި ފަޅާލި މައްސަލައެއް ބަލަނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ކުރި މުޒާހަރާގައި ބައިވެރިނުވާ މީހެއްގެ އަނގަމަތީގައި މުގުރުުބުރިން ޖަހައި ފަޅާލި މައްސަލައެއް ބަލަން ފަށައިފި އެވެ. ހުޅުމާލޭގައި މުޒާހަރާ ކުރީ ގއ. ކަނޑުހުޅުދޫގަ...

19 Jan 2020 | 07:10

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ކުރި މުޒާހަރާގައި ބައިވެރިނުވާ މީހެއްގެ އަނގަމަތީގައި މުގުރުުބުރިން ޖަހައި ފަޅާލި މައްސަލައެއް ބަލަން ފަށައިފި އެވެ.

ހުޅުމާލޭގައި މުޒާހަރާ ކުރީ ގއ. ކަނޑުހުޅުދޫގައި ރޭޕް ކުރި ދެ އަހަރުގެ ކުޑަކުއްޖާގެ ބައްޕަ ހުޅުމާލޭ ފްލެޓެއްގައި ހުރުމުން އޭނާ ހައްޔަރު ކުރުމަށް ގޮވާލާއެވެ. އަނިޔާވި އަންހެން އަކީ މުޒާހަރާގެ ބައިވެރިއެއް ނޫންކަމަށާއި އެ މީހާ ހުރީ އޭނާ ދިރިއުޅޭ ފްލެޓް ދޮރުމަތީ ކަމަށްވެ އެވެ.

މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ފްލެޓް ކައިރީ ހިނގައި ދިޔަ ހަމަނުޖެހުމުގައި މެދު އުމުރުގެ އަންހެނެއްގެ ގައިގައި ފުލުހަކު ޖެހިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އަނިޔާވި އަންހެން މީހާގެ އާއިލާ މެމްބަރަކާ އިއްޔެ ވާހަކަ ދެއްކެވި ކަމަށާއި އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްގެ ޓީމެއް އަނިޔާވި އަންހެން މީހާއާ ބައްދަލުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ފަރާތުން އަންހެން މީހާއަށް ލިބުނު އަނިޔާ ހާމަވީީ އޭނާގެ ދަރިފުޅު އޭނާގެ އަނގަމަތިން ލޭ އަންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ އަންހެން މީހާގެ މޫނުމަތީގައި ފުލުހަކު މުގުރުން ޖެހީ، ވެގެން އުޅޭ ގޮތެއް ބަލަން ގޭގެ ދޮރުމަތީގައި ހުއްޓާ ކަމަށެވެ. އަދި އެއަށް ފަހު އަންހެން މީހާ އާއި އެކުއްޖާ ވެސް ޕާކު ކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށް ކޮއްޕާލި ކަމަށެވެ.

"ރޭޕިސްޓަކީ އަހަރެންގެ މަންމައެއް ނޫން. އަހަރެންގެ މަންމަ އަކީ ކުށްވެރިއެއް ނޫން. ތުހުމަތުކުރެވޭ ބައްޕަ ނެރެގެން ގެންދިޔައީ ފުލުހުންގެ ހެލްމެޓް އަޅުވާ ވެސްޓު ލައްވައިގެން. އެކަމަކު ގޭގެ ދޮރުމަތީގައި ހުރި ކުށެއް ނެތް ރައްޔިތު މީހާއާ ދޭތެރޭ ފުލުހުން އަމަލު ކުރި ގޮތަކީ މިއީ،" އެ ޕޯސްޓުގައިވެ އެވެ.

އެރޭގެ މުޒާހަރާގައި އާންމުންނާއި ފުލުހުންނާއި ދެމެދު ހަމަނުޖެހުން ހިނގާ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފަ އެވެ. މުޒާހަރާ ހުއްޓާލީ އެ ކުއްޖާގެެ ބައްޕަ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިއުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް