ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން "މާސްޓާ ޝެފް މޯލްޑިވްސް" ތައާރަފުކޮށްފި އެވެ.
އެންޑެމޯލް ޝައިން ކުންފުނީގެ ފްރެންޗައިޒް، "މާސްޓަޝެފް މޯލްޑިވްސް" އިފްތިތާހުކޮށްދެއްވީ ޕީ.އެސް.އެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދެވެ.
އޭނާ ވިދާޅުވީ މީރު ރަހައާއި ކުޅަދާނަ ކެއްކުންތެރިކަމަކީ ދިވެހީންގެ ލެޔާއި ގުޅިފައިވާ ކަމެއްކަމަށެވެ. އަދި މިއީ ކުރިއަރަމުން އަންނަ ޒުވާން، އުންމީދީ ކައްކާއިންނާއި މި ރޮނގުން ކުރިއަށްދާން ބޭނުންވާ ދިވެހީންނަށް ބައިނަލްއަގްވާމީ ފަންތީގައި ވާދަކޮށް، ބެލުންތެރީންނާއި މުޅި ދުނިޔެއަށް މި ފަންނުގައި ދިވެހީންގެ ހުނަރާއި ގާބިލްކަން ސާބިތުކޮށްދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި "މާސްޓަޝެފް" ފްރެންޗައިޒްގެ މައި ކުންފުނި އެންޑެމޯލް ޝައިންއިން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑައިރެކްޓަރު ރަޝްމީ ބަޖްޕާއީ ބައިވެރިވި އެވެ.
މާސްޓަޝެފް މޯލްޑިވްސްގެ ފުރަތަމަ ސީޒަން ޕީއެސްއެމްއިން ދައްކަން ފަށާނީ އަންނަ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ. އޭގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝޯއަށް ބައިވެރިން ހޯދުމާއި ޝޯއާ ގުޅޭ މުހިންމު ހަރަކާތްތައް ގެންދިއުމަށް ވަނީ ރާވާފައެވެ.
މާސްޓާ ޝެފް މޯލްޑިވްސް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ ސީޒަންގެ ސްޕޮންސަރުންނާއެކު ވަނީ ސޮއިކޮށްފައެވެ. ޓައިޓްލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ދިރާގެވެ. މީގެއިތުރުން އެސްޓީއޯ، ވިލާ ކޮލެޖް އަދި ބެންކް އޮފް މޯލްޑިވްސްއާއެކުވެސް ވަނީ ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އާންމުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މި ޝޯގެ 53 އުފެއްދުމެއް މިދިޔަ އަހަރު އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބެލުންތެރީންނަށް ވަނީ ގެނެސްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް