ވިހެއުމަކީ ނުވަތަ ދަރިއަކު ލިބުމަކީ އަންހެނުންނަށް ނޭދެވޭ ތަފާތު ބަދަލުތައް އަންނަ ދުވަސްކޮޅެެވެ. ހާއްސަކޮށް ފުރަތަމަ ދެ ތިން މަސްދުވަހެވެ.
އެ ދުވަސްތަކުގައި އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމަކީ ތުއްތު ކުއްޖާއަށް ބޭނުންވާ ކަންކަން އެކަންޏެއް ނޫންނެވެ. އަމިއްލަ ހަށިގަނޑާއި ނަފްސާ ދޭތެރޭގައި މައިމީހާ ވިސްނަން ޖެހޭނެ އެވެ.
ވިހެއުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ދެމައިންގެ ސިއްހީ ހާލަތަށެވެ. އުޅޭ މާހައުލުގައި ކުއްޖާއަށް ދިމާވާ ނުވަތަ ބޭނުން ކުރެވޭ އެއްޗަކުން ގެއްލުމެއް ލިބޭތޯ މައިމީހާ ވަރަށް ބޮޑަށް ބަލަން ޖެހެ އެވެ. މައިމީހާ އަށް ކުރިމަތިވާ ނިފާސްކަމުގެ ލޭ އައުމަކީވެސް ބައެއް އަންހެނުންނަށް ވޭނެއްގެ ގޮތުގައި ތަހަންމަލް ކުރަންޖެހޭ ކަމެކެވެ. އެހެން ކަމުން މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެމައިން ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ.
ފުރަތަމަ ދެތިން މަހަކީ ކުޑަދަރިފުޅު މައިމީހާގެ ގާތުންދޭ ކިރު ނޫން އެއްޗެއް ނުބޯނެ ދުވަކޮޅެކެވެ. އެހެންކަމުން މައިމީހާ ރަނގަޅު ކާނާ ކައިގެން އަބަދުވެސް ހުންނަން ޖެހެ އެވެ. ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ވިހައިގެން އުޅޭ އަންހެނަކު 2500 ކެލޮރީސް އެކުލެވޭ ކާނާ ދުވާލަކު ކާން ޖެހެ އެވެ. ބަނޑުބޮޑު އިރު ކާންޖެހެނީ2000 ކެލޮރީސް އެކުލެވޭ ކާނާ އެވެ.
އޭގެން އެނގެނީ ވިއެމުން އަންހެނާގެ ހަށިގަނޑަށް ކާނާ އާއި ހަކަތަ ބޭނުންވާ ވަރެވެ.
ވިހެއުމަށްފަހު ބަނޑުބޮޑު އިރު ކަމުންދިޔަ ހުރިހާ ބޭހެއް ކެއުން ވަގުތުން ހުއްޓާލުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި ކެއުމަށް ޑޮކްޓަރު އަންގާފަ އޮންނަގޮތާއި ހިލާފަށް ތަފާތު އެހެން އެއްޗެހި ކެއުންވެސް ރަނގަޅެއް ނޫނެވެ. ބޭސް ބޭނުން ކުރުން ހުއްޓާލަންވާނީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.
އެންމެ ފަހު ކަމަށް އޮތީ ޑިޕްރެޝަންގެ މައްސަލައެވެ. ވިހެއުމަށްފަހު ރޭގަނޑު ނުނިދާ ދަރިފުޅުގެ ކަންތަކުގައި ހޭލާ އިންނަން ޖެހުމާއި ހުރިހާ ވަގުތެއް ދަރިފުޅަށް ހުސް ކުރަން ޖެހުމުން ޑިޕްރެޝަންއަށް ދާ އަންހެނުން މަދެއް ނޫނެވެ. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެ އެވެ. ގިނަ ވަގުތު ކުއްޖާގެ ބައްޕަ ދެމައިންނާއި ވަގުތު އެކު ހޭދަކުރުމަކީ މައިމީހާ ޑިޕްރެޝަނާ ދުރުވާނެ ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް