ކޯލީޝަން ރޫޅުނަ ނުދީ ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ އެންމެންގެ ގައުމީ ވާޖިބެއް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ކޯލީޝަން ވަރުގަދަކޮށް ރޫޅުނަ ނުދީ ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބެއް ކަމަށާއި މިކަމުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ހަތަރު ލީޑަރުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމަށެވެ.
މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަތަރު ޕާޓީ ގުޅިގެން ކޯލީޝަނެއް އުފެއްދީ އިންސާފުވެރި ހެޔޮ ވެރިކަމެއް ގާއިމްކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ކަމަށެވެ.
"ވީމާ އަޅުގަނޑުމެން އެންމެންވެސް ޕާޓީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް އަޅުގަނޑު ނުހަނު އިހްލާސްތެރިކަމާއެކު ގޮވާލަން" ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމުން މިހެން ވިދާޅުވިއިރު ރޭ ކުރެއްވި ޓްވީޓެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަގުމައްޗަށް ނެރެ އެއްލާލީމާ ޖޭޕީއަށް މި ޖެހުނީ މިފަހަރުވެސް ސަލާމް ޖަހަން ކަމަށެވެ. މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖޭޕީ މިހާރު ވަނީ ތައްޔާރުވެފައި ކަމުގައިވެސް ގާސިމް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް