ގދ.ތިނަދޫއިން ތިން މީހުންނާއި އެކު ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުން ދަނިކޮށް އެ ދޯނީގެ ޚަބަރެއް ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރި މަސައްކަތުން ދޯނީގެ ޚަބަރެއް ވެފައިވަނީ ރޭ 00:50 ހާއިރު އެ ދޯންޏާ ގުޅުމުންނެވެ. އަދި މި ދޯންޏާ ގުޅުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ދޯނި އޮތް ސަރަޙައްދަށް ގޮސް ދޯންޏާ ބެހޭ މަޢުލޫމާތު ވަނީ ނަގާފައި ކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ދޯންޏާ ނުގުޅި ގޮސްފައިވަނީ އިންޖީނު ހުއްޓުމުގެ ސަބަބުންނެވެ. އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ގާތްގަނޑަކަށް ފަތިހު 04:00 ހާއިރު ގދ.ތިނަދޫއަށް ވަނީ ވަދެފައެވެ.
މި ދޯނި ފެނުނު އިރު ދޯނީގައި ތިބި މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީން ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް