އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ހައްޤުގައި ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމު ވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން އިއްްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާތީވެ، އެ ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން މިކަމަށް އިޝާރަތް ކުރައްވާ ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަރަބިއްޔާގެ މައްސަލައަށް ފަސްއަޅާ ފޮރުވުމަށްޓަކައި ބަޔަކު މީހުން ސިއްރު އެޖެންޓުން މެދުވެރިކޮށް ހަޑި ހުތުރު އިލްޒާމްތައް އަޅުވަމުންދާ ކަމުގައެވެ.
ނަމަވެސް އެ މަސައްކަތް ﷲގެ އިރާދަފުޅާއެކު ދާނީ ކުރިއަށް ކަމަށެވެ. އަދި ދަރިވަރުންގެ ހައްޤު ހޯދައި ދިނުމަށްޓަކައި ކުރެވޭ މަސައްކަތް ނުހުއްޓުވޭނެ ކަމަށް އިޔާޒް ވިދާޅުވިއެވެ.
އެޑިއުކޭޝަނުން ނިންމާފައި ވަނީ އަރަބިއްޔާ ސްކޫލް ބޭނުން ނުކުރެވޭ ހިސާބަށް ދިއުމުން ވަގުތީ ގޮތުން އެ ސްކޫލްގައި ކިޔަވާ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ. ނަމަވެސް މި ކަމާއި މެދު ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން އިއްޒުއްދީން ސްކޫލާއި އަރަބިއްޔާ ސްކޫލަކީ ދެ މީޑިއަމަކަށް ކިޔަވައިދޭ ދެ ސްކޫލަށް ވުމުން އަަރބިއްޔާގެ ދަރިވަރުންނަށް އިއްޒުއްދީންގައި ކިޔެވުމަށް ދަތިތަކެއް ހުންނާނެ ކަމުގައި ބެލެނިވެރިން ފާހަގަ ކުރެއެވެ.
އަދި އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަނިޔާވެރި، ބޭއިންސާފު ނިންމުމަކަށް ކިޔަމަންވެ ޅަދަރީންގެ އަރަބި އިސްލާމީ ތަޢުލީމު ފަނާވެ ދިއުމަށް ޖާގަ ދެވެން ނެތް ކަމަށާއި އެ ނިންމުމާ އެއްގޮތަށް އަމަލުކުރެވެން ނެތް ކަމުގައި އެ ސްކޫލްގެ ބެލެނިވެރިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އެ ސްކޫލުގެ ދަރިވަރުންނާ އެކު އެހެން އެއްވެސް ސްކޫލެއްގެ ދަރިވަރުން މަސްހުނި ނުވާނެހެން މާލެއިން ކޮންމެވެސް ބިމެއްގައި އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ނަމަވެސް ހިންގޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ބެލެނިވެރިން ހާމަކޮށްފައި ވެއެވެ.
ސަރުކާރުން ނިންމާފައި ވަނީ ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގައި ކިޔަވާ 800 އެއްހާ ދަރިވަރުން ބަދަލު ކުރުމަށެވެ. މީގެ އިތުރުން، މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން ސްކޫލެއް އަރަބިއްޔާގެ ދާއިމީ ސްކޫލްގެ ގޮތުގައި ހަމަޖައްސަން ސަރުކާރުން ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް