އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި މެދު ތަފާތު ކުރުން ގެންގުޅޭ: ޑރ. ޝަހީމް

އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި މެދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ތަފާތު ކުރުން ގެންގުޅޭ ކަމުގައި އިދިކޮޅު ޕީޕީއެމްގެ ހާއްސަ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މ...

18 Dec 2021 | 05:33

އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި މެދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ތަފާތު ކުރުން ގެންގުޅޭ ކަމުގައި އިދިކޮޅު ޕީޕީއެމްގެ ހާއްސަ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އަރަބިއްޔާ ސްކޫލުގެ އިމާރާތް ހަލާކުވެ އެ އިމާރާތުގެ ތަނބުތައް ފަޅައިގެން ގޮސް އޭގެ ބައިތައް ވެއްޓި ކުދިންނަށް ނުރައްކާވެދާނެތީ 2018 ވަނަ އަހަރުން ފެށިގެން ސްކޫލުން އެކަން މިނިސްޓްރީއަށް އަންގަމުން ދިޔަ ކަމުގައި އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އަދި މިނިސްޓްރީން އެއްވެސް ކަމަކަށް އިޖާބަ ދީފައިނުވާ ކަމަށާއި އިމާރާތުގެ މަރާމާތް ކުރަން ބަޖެޓް ވެސް ނެތް ކަމުގެ ބަހަނާ ދެއްކާފައިވާ ކަމުގައި ބުނެފައި ވެއެެވެ. މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނިންމާފައި ވަނީ އިއްޒުއްދީން ސްކޫލަށް އަރަބިއްޔާ ސްކޫލްގައި ކިޔަވަމުން އަަންނަ ދަރިވަރުން ވަގުތީ ގޮތުން ބަދަލު ކުރުމަށެވެ. ނަމަވެސް އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަނިޔާވެރި، ބޭއިންސާފު ނިންމުމަކަށް ކިޔަމަންވެ ޅަދަރީންގެ އަރަބި އިސްލާމީ ތައުލީމު ފަނާވެ ދިއުމަށް ޖާގަ ދެވެން ނެތް ކަމަށާއި އެ ނިންމުމާ އެއްގޮތަށް އަމަލުކުރެވެން ނެތް ކަމުގައި އެ ސްކޫލްގެ ބެލެނިވެރިން ނެރެފައިވާ ބަޔާނުގައި ވެއެވެ.

އެކަމަށް އިޝާރަތް ކުރައްވާ ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދަރުމަވަންތަ ސްކޫލް ބޮލަށް ވެއްޓޭތީ ކުޑަ މުއްދަތެއްގެ ތެރޭގައި ވަގުތީ ސްކޫލެއް ހަދައި އެތަނަށް ދަރިވަރުން ބަދަލު ކުރި ކަމަށެވެ. އަދި ދާއިމީ ސްކޫލެއް އެޅުމަށްޓަކައި ވަގުތުން ބަޖެޓު ހަމަޖައްސާ ދާއިމީ ސްކޫލްގެ މަސައްކަތް ފަށައިގެން މިހާރު އެތަން ނިމެމުންދާ ކަމުގައި ވިދާޅުވެފައި ވެއެވެ.

ނަމަވެސް އަރަބިއްޔާ ސްކޫލް ބޭނުން ނުކުރެވޭ ހިސާބަށް ދިއުމުން އެގޮތަށް އަމަލު ނުކުރެއްވީ ކީއްވެތޯ ޑރ. ޝަހީމް ސުވާލު އުފައްދަވާފައި ވެއެވެ.

އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ އެއްވެސް ދަރިވަރަކު ކިޔަވަން ގެންދެވެން ނެތް ކަމަށާއި މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އެ ސްކޫލުގެ ދަރިވަރުންނާ އެކު އެހެން އެއްވެސް ސްކޫލެއްގެ ދަރިވަރުން މަސްހުނި ނުވާނެހެން މާލެއިން ކޮންމެވެސް ބިމެއްގައި އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ނަމަވެސް ހިންގޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ބެލެނިވެރިން ހާމަކޮށްފައި ވެއެވެ.

ސަރުކާރުން ނިންމާފައި ވަނީ ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގައި ކިޔަވާ 800 އެއްހާ ދަރިވަރުން ބަދަލު ކުރުމަށެވެ. މީގެ އިތުރުން، މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން ސްކޫލެއް އަރަބިއްޔާގެ ދާއިމީ ސްކޫލްގެ ގޮތުގައި ހަމަޖައްސަން ސަރުކާރުން ނިންމާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް