ސައުދީ އަރަބިއްޔާއިން ހާލުގައި ޖެހެމުންދާ އަފްގާނިސްތާނަށް އެހީ ފޮނުވައިފި އެވެ.
ސައުދީ ނޫސް އެޖެންސީތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ފަންޑުން ފޮނުވި ތަކެތީގެ ތެރޭގައި އަފްގާން ރައްޔިތުންނަށް ބޭނުންވާނެ އަންނައުނާއި ބޭހާއި ސިއްހީ ސާމާނު ހިމެނޭހެން 65 ޓަނުގެ ތަކެތި ފޮނުވާފައިވެ އެވެ. ދެން ފޮނުވީ 1،647 ކާނާ ވަށިގަނޑެވެ.
މިތަކެތި ފޮނުވަމުންދަނީ ވައިގެ މަގުންނެވެ. ސައުދީން ބުނެފައިވާ ގޮތުގޮތުގައި ހަ ފްލައިޓެއްގައި އަފްގާނަށް ބޭނުންވާ އެ ސާމާނުގެ ގޮތުގައި 197 ޓަނުގެ ތަކެތި ސައުދީން ފޮނުވާފައިވާ ކަމަށެވެ. އަދި ޕާކިސްތާނު މެދުވެރިކޮށް 200 ޓްރަކްގެ ތަކެތިވެސް އަފްގާނަށް އެއްގަމު މަގުން ފޮނުވާނެ ކަމަށެވެ.
މި އެހީއަކީ ގަލްފް އަރަބް ގައުމުތަކުން އަފްގާނިސްތާނުގެ އިގްތިސޯދު ކޮޅަށް ޖެހުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ފޮނުވަން ފެށި އެހީއެވެ. ސައުދީގެ އިތުރުން އިންޑިއާ، ޗައިނާ އަދި ރަޝިއާ އާއި އިނގިރޭސިވިލާތާއި އެނޫން ގައުމުތަކުން ވަނީ އަފްގާނިސްތާނަށް އެހީގެ ތަކެތި ފޮނުވާފަ އެވެ.
އަފްގާނިސްތާނުގެ 38 މިލިއަން ރައްޔިތުން މިހާރު ދަނީ ބަނޑުހައި ހޫނުކަން ތަހައްމަލް ކުރަމުންނެވެ. އަދި ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތުމާއި ހޮސްޕިޓަލްތަކުން ބޭސް ހުސްވަމުންދާއިރު ގިނަ ހޮސްޕިޓަލްތައް ވަނީ ބޭހާއި އާލާތްތައް ލިބެންދެން ބަންދު ކުރަން ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް