އިންޑިއާ ކަނޑުގައި ޑްރަގް އޮއިވާލި ގިނަކުރަން ފުރުސަތެއް ނުދެވޭނެ ކަމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބުދު ﷲ ޔާމިން އިސްވެ ހުންނަވައިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތައް އިތުރަށް ފުޅާ ކުރުމާއި ގުޅިގެންނެެވެ.
އެގޮތުން ބޮންޑެ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ބިދޭސީ ޑްރަގް ނެޓްވޯކްތަކާއި ގުޅިގެން ވެރިކަން ބަދަލުކުރަން ހިންގާ ހަރަކާތަކީ ޑިމޮކްރެޓިކް ހަރަކާތެއް ނޫން ކަމުގައެވެ.
އިންޑިއާ އައުޓް ކެމްޕެއިންގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކީ ޤައުމަށް ނިކަމެތި ކަން ލިބޭނެ ފަނާ ކުރުވަނިވިި ހަރަކާތެއް ކަމުގައި ފާހަގަކޮށް އިންޑިއާ ކަނޑުގައި ޑްރަގް އޮއިވާލި ގިނަ ކުރަން ފުރުސަތު ނުދެވޭނެ ކަމުގައި ބޮންޑެ ވިދާޅުވެފައިި ވެއެވެ. އަދި އެ ހަރަކާތް ހުއްޓުވަން ޖެހޭ ކަމުގައި ވިދާޅުވެފައި ވެއެވެ.
ބޮންޑެ މިހެން ވިދާޅުވެފައިވާއިރު، އިންޑިޔާ އައުޓް ކެމްޕޭނަށް އިޝާރަތް ކުރައްވާ ރައީސް ޞާލިހް ވެސް ވަނީ އެ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ޞާލިހް ވިދާޅުވީ، ރާއްޖޭގެ މިިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަކީ މަސްދޯނިފަހަރަށްވުރެ ޑްރަގު ބޯޓް ފަހަރު ގިނަވާން ދޫކޮށްލުން ނޫން ކަމަށާއިި އަދި އެކަން ކުރަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑު ސަރަހައްދު އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިން ރުހޭނެ ކަމެއް ނޫން ކަމުގައި ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް