ސައިރިކްސް ކޮލެޖުން މުޅިން އާ ޕްރޮގްރާމްތަކެއް އަންނަ އަހަރު ހިންގުމަށް ނިންމާފައިވާ ކަމަށް އެ ކޮލެޖުން ބުނެފިއެވެ.
އެ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައިރިކްސްގެ ވައިސް ރެކްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިހާރު ހިންގަމުން އަންނަ ޕްރޮގްރާމުތަކުގެ އިތުރުން އަންނަ އަހަރު އާ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ސިވިލް ސަރވެންޓުންނަށް ހާއްސަކޮށްގެން ހިންގާ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މާސްޓަރސް ޕްރޮގްރާމެއް ހިމެނޭ ކަމަށާއި އެ ޕްރޮގްރާމްގައި ކިޔަވައިދޭން ހަމަޖައްސާފައިވަނީ މާލެ ކައިރި ރަށްތަކުގައި އުޅޭ މީހުންނަށްވެސް ފަސޭހަވާނެ ގޮތަށް ހޮނިހިރު ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއްވެސް އަންނަ އަހަރު ތައާރަފްކުރާނެ ކަމަށާއި މެލޭޝިއާގެ ޔުނިވަރސިޓީއަކާ ގުޅިގެން އަންނަ ފެބްރުއަރީ މަހު އައިޓީ އަދި ބިޒްނަސް އިންޓަރނޭޝަނަލްގެ މާސްޓަރސް ޕްރޮގްރާމެއް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ތިބެގެން އިންޓަރނޭޝަނަލް ޕްރޮގްރާމެއްގައި ދަރިވަރުންނަށް ކިޔެވޭނެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
އެ ކޮލެޖުން މިހާރުވަނީ އެ ކޮލެޖުގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް ޕްރޮގްރާމްތަކަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް