ރާއްޖޭގެ ފަތުރުވެރިކަމުގެ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ އަހަރު ގެންނާނެކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ފާއިތުވި 20 އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަދާފައިވާ ގަވާއިދަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ޓޫރިސްޓު ރިސޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމާ ގުޅޭ އިސްލާހާއި ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓު، ގެސްޓް ހައުސް އާއި ހޮޓާތައް ދޫކުރުމަށް ދޭ ރަށްރަށާއި ބިމުގެ ކުލި ދެއްކުން ރިވައިޒްކުރުން ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޓޫރިސްޓް ރިސޯޓުތަކާއިގުޅޭ ހައްގުތައް ބަދަލު ކުރުމާ ގުޅޭ ގަވައިދު ރިވިއު ކުރާ އިރު ޓޫރިސްޓް ރިސޯޓާއި ހޮޓަލާއި ގެސްޓް ހައުސް އަދި ޔޮޓް ބަނދަރު ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމުގެ ގައިދަށްވެސް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ޓޫރިސްޓް އުޅަނދު ހިންގުމުގެ ގަވައިދާއި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ދުއްވުމުގައި އަމަލުކުރާނެ ގޮތްތަކަށާއި ޓޫރިސްޓު ހޮޓާ ހިންގުމަށާއި ޓުއަރ ގައިޑުންނާއި ގުޅޭ ގަވައިދާއި މޫދުގައި ފީނުމާއިބެހޭ ގަވައިދަށްވެސް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
ހަމަމިއާއެކު ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްރަށުގެ ކުލި ދައްކާ މުއްދަތު އިތުރު ކުރުމާ ގުޅޭ ގަވައިދަށާއި ބިން ކަނޑައެޅުމާ ބެހޭ އުސޫލަށާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓް ރިސޯޓުތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭ ގަވައިދަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފަތުރުވެރިން ރަމްޒީ ކައިވެނި ކުރުމާ ގުޅޭ ގަވައިދާއި ސްޕާ ހިންގުމާއި ލަގްޒަރީ ވިލާ ހިންގުމުގެ ގަވައިދަށްވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް