ފުލުހުންނާއި ސިފައިން ގުޅިގެން ރ. މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

ފުލުހުންނާއި ސިފައިން ގުޅިގެން ރ. މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މިއީ އެރަށުގައި ހަރުކަށި ފިކުރު ފަތުރާ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުގެ ބޭރުން ވަކިން ޖަމާއަތް ހަދައިގެން އުޅޭ...

18 Dec 2019 | 08:40

ފުލުހުންނާއި ސިފައިން ގުޅިގެން ރ. މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިއީ އެރަށުގައި ހަރުކަށި ފިކުރު ފަތުރާ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުގެ ބޭރުން ވަކިން ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހްރޫމްކޮށް އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ މި ކަންކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހޯދުމަށް ހިންގާ ޚާއްސަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިފަދަ އަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ، ތައުލީމް ހާސިލްކުރުމުގެ ހައްގުން މަހްރޫމްކޮށް، ކުޑަކުދިން މީހުންނާއި ކައިވެނިކޮށްގެން ކަމަށްބުނެ މި ކަންކަން ހިންގާ، ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާއި ގުޅުންހުރި ސިއްހީ އިންތިޒާމްތަކާ ގުޅިގެން މި ކަންކަން ހިންގަމުންދާކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި އޮޕަރޭޝަނަކީ އެފަދަ މީހުން އުޅޭ ގެތައް ބަލާ ފާސްކޮށް މިކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދާ ދެނެގަނެ މި ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލާ އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި ގާނޫނީގޮތުުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ސިފައިން ގުޅިގެން އަޅަމުންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް